twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ ފުރަތަމަ ޓީން ސެންޓަރު ކުޅުދުއްފުށީގައި ހުޅުވައިފި

Oct 20, 2018

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދި ފުރާވަރު ކުދިންގެ މަރުކަޒު (ޓީން ސެންޓަރު) ކުޅުދުއްފުށީގައި ހުޅުވާލައިފި އެވެ. މި ސެންޓަރަކީ ކުޅުދުއްފުށީގެ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުގެ ހަރަދުގައި އިމާރާތްކުރި ސެންޓަރެކެވެ.

ކުޅުދުއްފުށީ އަމީނީމަގުގައި ފްރީޒްލެންޑް ފިހާރަ ކައިރީގައި ހެދި މި ޓީން ސެންޓަރު ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން އާއި ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު، ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝަހީދާ އަލީ އަދި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.

ނަޝީދު ހެއްދެވި ޓީން ސެންޓަރު ހުޅުވައިދެއްވަނީ–

ބޮޑުބެރުގެ ހަރަކާތްތަކާއެކު ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ވަގުތުން ފައިސާގެ އިނާމު ލިބޭ ފިޓްނަސް ޗެލެންޖުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވެ އެވެ..

މިސެންޓަރުގެ ބޭނުމަކީ ފުރާވަރުގެ ކުދިން އެއްތަނަކަށް އެއްވެ، ބައްދަލުވެ، ފިލާވަޅުދަސްކޮށްލައި، މުނިފޫހިފިލުވާލައި، އެއްޗެއް ކުޅެލައި ހަދާލުމުގެ ފުރުސަތު އެއްފުރާޅެއްގެ ދަށުން ހޯދައިދިނުމެވެ.

މިސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިތަނުން ފޯރިކޮށްދޭ ހިދުމަތްތައް އެކި އުމުރުފުރާއަށް ބަހާލެވިފައިވާ ކަމަށެވެ. އަދި ބޮޑެތި މީހުންނަށް ހާއްސަކޮށް ޖިމް އެއްވެސް ހުރެ އެވެ. މިތަނުން ދޭ ހުރިހާ ހިދުމަތެއްވެސް ފުރަތަމަ ދެމަހު ހިލޭ ލިބޭނެ ކަމަށެވެ.

ޓީން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ތަފާތު ހުނަރުތައް ދަސްކޮށް އާލާކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމުކޮށް ހިންގައިދިނުމެވެ. ބޭކާރު ދިރިއުޅުމުން އެ ކުދިން ދުރުކޮށް، އުފެއްދުންތެރި ފަރުދުންނަށް އެކުދިން ބަދަލުކުރުމަށް ބާރުއެޅުމެވެ. ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމުގެ މަގުފަހިކޮށްދިނުމެވެ. މުޖުތަމަޢުގެ އުފެއްދުންތެރި ގުނަވަނަކަށް އެކުދިންހެދުމަށް ބާރުއެޅުމެވެ.

މިތަނުން ގާލަންޑޯ، ޑާރޓް، ކެރަމް، ޓޭބަލް ޓެނިސް، ބިލިއާރޑް، ޗެސް، ކަރޯކޭ އަދި ގްރެފިޓީ ވޯލް ފަދަ ގޭމްސްތައް ހުރެ އެވެ. އަދި ގްރޫޕް ސްޓަޑީ ހެދުމާއި ވަކިން ތިބެގެން ކިޔަވާލުމުގެ ފުރުސަތާއި ރަހްމަތްތެރިންނާއެކު ޓީވީ ބެލުން، ލައިބްރަރީ ކޮމްޕިއުޓަރު ކުޅުން ފަދަ ހިދުމަތްތައް މިތަނުން ލިބިގެންދާނެ އެވެ. މިތަން ބޭނުންކުރުމުގައި ހަރުކަށި ގަވައިދުތަކެއް ކަނޑައެޅިފައިިވާއިރު މުޅިންތައް ފެންނާނެހެން މިސެންޓަރުގައި ވަނީ ސެކިއުރިޓީ ކެމެރާވެސް ހަރުކޮށްފަ އެވެ. ބޭއަދަބީ އަދި އަހުލާގީ ފެންވަރު ދަށް ކަންތައްތައް މިސެންޓަރުގައި ނުކުރެވޭނެ އެވެ. އަދި އެފަދަ މައްސަލައެއް ހިނގާފިނަމަ އެފަރާތްތަކާ މެދު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ފިޔަވަޅު އަޅާނެކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ.

ޓީން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މިސެންޓަރުގެ ފައިދާތަކުގެ ތެރޭގައި، ހަމައެކަނި ކުޅިވަރާއި މުނިފޫހިފިލުވުމަށް ހާއްސަ ތަނަކަށް މިތަންނުވެ، މަޢުލޫމާތު މުއްސަނދިކޮށްދޭ، ހުނަރު ދަސްކޮށްދޭ، ކުދިން އެކުލަވާލައި އެކުވެރިވެއުޅޭ، ހާލު ހިއްސާކުރާ ތަނަކަށް ހެދުމާއި، އެއުމުރުގެ ކުދިންނަށް ރައްޓެހި ރަޙްމަތްތެރި މާހައުލަކަށް އެތަންހެދުމާއި، އެކުދިން ދާހިތްވާ އެކުދިންނަށް ފަރިތަ އެޑްރެހަކަށް އެ ތަން ހެދުން ހިމެނެއެވެ.

ފުރާވަރުގެ ކުދިންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށާއި ތަޖުރިބާ ހިއްސާކުރުމަށް ކުދިން އެއްވެ އެކުވާ ތަނަކަށް ހެދުމާއި، އެއް ރަށްޓެއްސެއްގެ ގެއިން އަނެއް ރަށްޓެއްސެއްގެ ގެއިން ފޫހިކަންމަތީ ބަދަލުވަމުންގޮސް، ވަންނާނެ އިތުރު ތަނެއް ނެތިގެން، މަގުމައްޗަށް ނުކުމެ، ބޭކާރު ކަންކަމުގައި ދުވަހާއި ވަގުތު ހުސްކޮށްލުމުގެ ބަދަލުގައި، ރައްޓެހިންނާއި ރަޙްމަތްތެރިންނާއި އެކުވެރިންނާއެކު ވަގުތުހޭދަކުރެވޭނެ އުފެއްދުންތެރި މާހައުލެއް އެކުދިންނަށް ގާއިމުކޮށްދިނުން ހިމެނެއެވެ.

ޓީން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި ޓީން ސެންޓަރުތަކުގެ ހިދުމަތް ލިބެން ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355