twitterviber whatsapp telegramfacebookyoutube instagram
25th April 2024

މެންބަރު ނަޝީދުގެ އެހީތެރިކަން ކައުންސިލަށް ލިބޭކަމަށް ލަތީފް ވިދާޅުވުމުން އެމްޑީޕީ ސަޕޯޓަރުން ރަތަށް !

Oct 20, 2018

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އެހީތެރިކަން ކުޅުދުއްފުށީ ކައުންސިލްގެ މި ދައުރުގައި ވަރަށް ބޮޑަށް ލިބެމުންދާކަމަށް ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަަސަން ވިދާޅުވުމުން އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ނުުރުހުންފާޅުކުރަމުން އެބަދެ އެވެ.

މިމަހު 14 ވަނަ ދުވަހު ކޭއޯއަށް ދެއްވި އިންޓަވިއުގައި އަބުދުލް ލަތީފް ވިދާޅުވެފައިވަނީ ކައުންސިލްގެ މިދައުރުގައި މެމްބަރު ނަޝީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި ތަރައްގީއަށާއި ކައުންސިލަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގައި ކައުންސިލަރުންނާއި ވަރަށް ގާތުން މެމްބަރު ނަޝީދު މަސައްކަތްކުރައްވާ ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރިގޮތުން ކައުންސިލުން އެދޭ ހުރިހާކަމެއް ކުރުމުގައި ނަޝީދުއަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ލަތީފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވެފައިވަނީ ކަންތައްތައް ސީދާ ނުކުރެވުނު ނަމަވެސް މިނިސްޓްރީތަކުގެ ތެރެއިން ނަޝީދު ކުރައްވައި މަސައްކަތުން ކޮންމެވެސް އަލިމަގެއް ފެނިގެންދާކަމަށެވެ. މިދައުރުގައި މަހަކު ދެ ފަހަރު، ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރައްވާ ކަމަށެވެ. އަދި ކައުންސިލާ ބައްދަލުކޮށް ރަށުގެ ތަރައްގީއަށް ހުރި މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާކޮށް، އެކަންތައްތައް ކުރުމަށް ހުރި ދަތިތައް ބަލައި ސަރުކާރުގެ ތެރެއިން ހައްލު ހޯދުމަށް ނަޝީދު މަސައްކަތްކުރައްވާފައިވާކަމަށް ލަތީފް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލްގަފޫރު މޫސާގެ ފަރާތުން އެގާތްކަން މިދައުރުގައި ފެނިގެންގޮސްފައިނުވާކަމަށް އެމްޑީޕީއަށް ނިސްބަތްވެލައްވާ ލަތީފް ވިދާޅުވި އެވެ.

އެހެންނަމަވެސް ރިޔާސީ އިންތިހާބު ނިމި، އިބޫ އިންތިހާބު ކާމިޔާބުކުރެއްވި ހިސާބުން މެމްބަރު ގަފޫރު ގުޅުއްވައި ދެން ފެށޭ ސަރުކާރަކުން ކައުންސިލަށް ކަންކަން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިކަމަށް ލަތީފް ވިދާޅުވެފައިވެ އެވެ. އަދި އެކަމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރެވިފައިވާކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

މެމްބަރު ނަޝީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ: ކުޅުދުއްފުށީ ކައުންސިލް

މެމްބަރު ނަޝީދުއަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާ އެމްޑީޕީގެ ސޯޝަލް މީޑީއާ އެކްޓިވިސްޓެއްކަމަށްވާ ރިޔާޒް އަހުމަދު އިއްޔެ ފޭސްބުކްގައި ޖަހާފައިވާ ސްޓޭޓަަސްގައި ގިނަ ކަންތައްތަކެއް ފާހަގަކޮށް މިހާރު ހިނގަމުން މިދާ ސަރުކާރަކީ ލާމަރުކަޒީ ނިޒާމާ މުޅިން ބީރައްޓެހި ސަރުކާރެއްކަމަށް ބުނެ، ކުޅުދުއްފުށީގައި މިސަރުކާރުން ކުރަން ވައުދުވި ކަންތައްތައް ނުކުރެވި ދިޔައިރު ސަރުކާރު މެމްބަރެއްގެ ގޮތުގައި ހުރެ ނަޝީދު ކޮށްދެއްވީ ކޮންކަމެއް ތޯ އޭނާ ވަނީ ސުވާލުއުފައްދާފަ އެވެ.

ރިޔާޒްގެ ސްޓޭޓަސްގައި 11 ކަމަކަށް ވަނީ އަލިއަޅުވާލާފަ އެވެ. އެގޮތުން ޕީޕީއެމުން ސަރުކާރާ ހަވާލުވާތާ ފުރަތަމަ 200 ދުވަހުގެ ތެރޭގައި އަޅައިދޭން ވައުދުވި އެއާޕޯޓުގެ ދައުރު ނިމެންވެފައި އޮއްވާ އަޅައިދިނީ ހަމައެކަނި ރަންވޭކަމަށާއި އެއީވެސް ރަށުގެ ބޮޑު އެސެޓެއް ހަލާކުކޮށްލާފައި ކަމަށެވެ. އަދި އެއާޕޯޓު އަޅަންކަމަށް ބުނެ އެތަށް ގެތަކެއްގެ އާއިލާތަކެއް ނިކުންނަށް އެންގި އިރު އެމީހުންނަށް އުޅެވޭނެ ގޮތެއް ހައުސިން މިނިސްޓްރީންވެސް އަދި ރީޖަނަލް އެއާޕޯޓުންވެސް ހަމަޖައްސައި ނުދެއްވާކަމަށެވެ.

ރަސްމިއްޔާތެއްގެ ތެރެއިން މެމްބަރު ނަޝީދު، ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ސަލާމްކުރައްވަނީ–

މީގެ އިތުރުން ކުޅުދުއްފުށީ އާޓިފިޝަލް ބީޗް ހެދުމަށް ޕްރޮޖެކްޓު ހިންގުނު އިރު އެކަމުގެ ތަފްސީލް ކައުންސިލަށް ހިއްސާނުކުރާކަމަށާއި އަދި ސަރުކާރުގައި އެދުމުންވެސް އެއްވެސް އިޖާބައެއް ނުލިބޭކަމަށް އެއިރު ކައުންސިލުން ވިދާޅުވެފައިވާ ކަަމަށްވެސް ސްޓޭޓަސްގައި ވެއެވެ، އަދި ސްޓޭޑިއަމްގައި އިމާރާތް ކޮށްފައިވާ ސްޕޯޓް ކޮމްޕްލެކްސް ވޮލީ އަަދި ބާސްކެޓް ކުޅެވޭނެ އިންތިޒާމްވެސް ހަމަޖައްސައި ދިނުމަށް ޒުވާނުން އެދެމުން އެކަމަށް ސަރުކަރުން އިޖާބަ ދީފައިނުވާކަން ފާހަގަކޮށް އެއިރު މެންބަރު ނަޝީދު ކޮބާތޯ ވަނީ ސުވާލުކޮށްފަ އެެވެ.

އަދި ކުޅުދުއްފުށީ މަގު ހަދަމުން ދިޔަ ދުވަސްވަރު ދިމާވި އެކި މަައްސަލަތަކާއި ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ހުށައެޅެމުން ދިޔައިރު ސަރުކާރުން ކުރާކަމަށްވުމުން އެކަމަށް ކައުންސިލުން އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް ބުނެފައިވާކަމަށާއި އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް ދުވަހަކު ނުވެއްޓޭ ވަރަށް ވެއްޓި، ކައުންސިލްގެ ބަހެއް ސަރުކަރުގައި ނުވިކި އޮތްއިރު ނަޝީދު ކޮބާތޯވެސް ވަނީ ސުވާލުކޮށްފަ އެވެ.

އެއާޕޯޓު ހިއްކުމަށް އެމްޓީޓީސީން ރަށުގެ ފަޅުން ވެލިނަގާ ރޯހައުސް ހަލާކުވެގެން ދިޔައިރު ހައުސިން މިނިސްޓްރީގެ ތެރެއިން ކަންކަން ހަމަނުޖެހިގެން ކައުންސިލަށް ގޯތިތައް ހަވާލުނުކުރެވިފަ ހުރި ނަޝީދު ކޮބާތޯ ބުނެ ސުވާލު އުފައްދާފައި ވެއެވެ.

މީގެ އިތުރުން މި ސަރުކާރުން ކުޅުދުއްފުށީ ފުޓްބޯޅާ ދަނޑެއް ހަލާކުކޮށް، ރަށުގެ ހުރިހާ ދަނޑުތަކެއް ޔޫތް މިނިސްޓްރީގެ ދަށުގައި އޮވެ ދަނޑުގެ އިން ވަކިކުރަން ޒުވާނުން އަމިއްލަ ޖީބުން ހަރަދުކޮށްފައިވާއިރު، ކައުންސިލާއި ސަރުކާރާ ދެމެދު އެއްވެސް ލިންކެއް ނޯންނަކަމަށް ކައުންސިލުން ބުނާއިރު މިނިސްޓްރީތަކަށް ފޮނުވާ ސިޓީގެ ޖަވާބުވެސް ކައުންސިލަށް ނުލިބޭއިރު ނަޝީދުފަދަ ފުންނާބު އުސް ވަކީލެއްގެ އެހީތެރިކަމާއި ދޭން ޖެހޭ އެއްބާރުލުން ނުދެވޭތީކަމަށް ބުނެ އެކަމުގައިވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަރަށް ބޮޑަށް ހިތްހަމަނުޖެހި ކައުންސިލްގެ ރައީސްއަށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައިވެސް ދަނީ ފާޑު ކިޔަމުންނެވެ. މިކަމާ ގުޅިގެން ކައުންސިލްގެ ރައީސްއަށާއި ކައުންސިލް މެމްބަރުންނަށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ވަރަށް ހުތުރު ބަހުންވެސް ފާޑުކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ލަތީފްގެ ފަރާތުން ދެނީ ފިނި ޖަވާބެކެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ މެމްބަރު ނަޝީދުގެ އެހީތެރިކަން ކައުންސިލަށް ލިބޭ ވާހަކަ އެވެ.

ކޯލިޝަންގެ ވެހިކަލު ބުރެއްގައި ލަތީފް ބައިވެރިވަނީ–

ނަޝީދުގެ އެހީތެރިކަން ކައުންސިލަށް ލިބޭކަމަށް ވިދާޅުވަމުންގެންދަވަނީ އިތުރު ދައުރަކަށް އޭނާ މަޖިލީހަށް އިންތިހާބުކުރުމަށް ދެކެވޭ ވާހަކަތަކަށް ލަތީފް ވަނީ ރައްދުދެއްވާފަ އެވެ. އޭނާ ވިދާޅުވީ އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއިން ތާއިދުކުރަނީ އާތިފްއަށްކަންވެސް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355