ހދ. އަތޮޅު ކައުންސިލާއި ނޭކުރަންދޫ ކައުންސިލް ގުޅިގެން އިމާރާތްކުރި 1 ކޮޓަރީގެ އެޕާޓްމަންޓްގެ މަސައްކަތް ނިންމާ ހުޅުވައިފި އެވެ.
މިއީ ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ބޭނުންމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ.
މިކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިއިމާރާތް ހުޅުއްވައިދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ހަސަނާއި މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު އުސްތާޛާ އަނާރާ ނައީމެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އިބްރާހީމް އަލީ ވިދާޅުވީ އަތޮޅު ކައުންސިލްގެ މަގްސަދަކީ މިދައުރުގައި ކައުންސިލްތަކަށް މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ދިނުމަށްފަހު އަންނަ ދައުރުގައި އެހެން މުވައްސަސާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ.
އަދި މީގެ އިތުރުން އިބްރާހީމް އަލީ ގެ ވާހަކައިގައި ވިދާޅުވީ އަޅުގަނޑުމެންގެ ވިސްނުމުގައި ފިކުރީ ތަފާތުތަކެއް ހުރިކަމުގައިވީ ނަމަވެސް މަސައްކަތަކާ ހަމައަށް އައިސް ރަށުގެ ތަރައްގީއާ ހަމައަށް އައީމާ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް އެއްވިސްނުމެއްގައި އެއް އަމާޒެއްގައި މަސައްކަތް އެބަ ކުރެވޭ ކަމަށާއި އަޅުގަނޑުމެން މިދެކޭ ތަރައްގީ އަކީ މިއީ ކަމުގައެވެ. ރައްޔިތުންގެ ފަރާތުން ރަށުގައި މިފަދަ ކޮންމެވެސް ކަމެއް ކުރުމަކީ ލިބިގެންދާނެ ވަރަށްބޮޑު ތަރައްގީއެއް ކަމުގައި އިބްރާހީމް އަލީ ވިދާޅުވިއެވެ.
ނޭކުރެންދޫގައި އިމާރާތްކުރި އެއް ކޮޓްރީގެ އެޕާޓްމަންޓަކީވެސް ރަށުކައުންސިލްގެ މާލިއްޔަތު އިތުރު ކުރުމަށް އަތޮޅު ކައުންސިލުން 175،000 ހަރަދު ކުރެވިގެން އިމާރާތް ކުރެވުނު ތަނެކެވެ.