twitterviber whatsapp telegramfacebookyoutube instagram
29th March 2024

މުއްސަނދި ތިމާވެއްޓެއް ލިބިފައިވާ ކޭލަކުނު ހިމާޔާތްކުރަނީ

Nov 7, 2018

ގުދުރަތީގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ހދ ކޭލަކުނު ހިމާޔާތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކުޅުދުއްފުށިން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދޭވޭހާ ކައިރީގައި އޮންނަ ކޭލަކުނަކީ ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ މުންސަނދި ތިމާވެއްޓެއް ލިބިފައިވާ ފެހި ރަށެކެވެ.

ރާއްޖޭގައި ހަމައެކަނި ބަރުގަހުގެ ޖަންގަލީގެ ސިފަ ލިބިފައިވާ އެރަށަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެއް ކަމަށެވެ. އޭގެ އިތުރުން 80.23 ހެކްޓަރު ބޮޑު އެރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނެ އެވެ.

ކޭލަކުނު ހިމާޔާތްކުރުމަށް ބޭނުންވާ ސާރވޭތަކެއް އެންވަރަޔަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަންނަނީ ކުރަމުންނެވެ. އެކަމަށް ބޭނުންވާ ބައެއް ސާރވޭތައް މިހާރުވަނީ ނިންމިފަ އެވެ. އެގޮތުން ކޭލަކުނުގެ ބަޔޯޑައިވަސިޓީގެ ޑީޓެއިލް ސާރވޭއެއްކޮށް އެންވަރަޔަމެންޓް މިނިސްޓްރީއަށް މިހާރުވަނީ ރިޕޯޓްވެސް ހުށަހަޅާފަ އެވެ.

ހދ ކޭލަކުނު–

“ކޭލަކުނުގައި ހުންނަ ގުދުރަތީ ތަފާތުކަމަކީ ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ލިބިފައިނުވާ ފީޗާސްތަކެއް ލިބިފައިވާ ރަށެއް. ބަރުގަސްތަކާއި އެރަށުގެ ފަރާއި، ދޫނިސޫފާސޫފި އާއި ގަސްގަހާގެހީގެ ތަފްސީލީ ފުރިހަމަ ސާރވޭއެއްވާނީ ކޮށްފަ” އީޕީއޭގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީގޮތުގައި މިދިޔަ އޭޕްރީލްމަހު ކުރި އެ ސާރވޭގައި ކޭލަކުނު ފަރުގެ ތިން ސަރަހައްދެއް ޑައިވްކޮށް އަދި 13 ސަރަހައްދެއް ސްނޯކްލިންގ ކޮށްްގެން ދިރާސާ ކުރި ކަމަށެވެ. އެތަނުގައި އަލަށް ހެދުމުންދާ މުރަކަތަކާއި ގިނަ އަދަދަކަށް ތަފާތު މަސްމަހާމެހީ ފެނުނެވެ.

ފަރުގެ ސިއްހަތު އެންމެ ރަނގަޅު ނޫނަސް ފަރުގެ ކޮންޕްލެކްސިޓީ ރާއްޖެގެ އެހެން ރަށްތަކާ ވަރަށް ތަފާތުކަމަށް އެ ސާރވޭގައި އަމަލީގޮތުން ބައިވެރިވި އެ އޮފިޝަލު ވިދާޅުވި އެވެ.

“ބަރުގަސްތަކުގައި މިން އަޅައި ކޮން ގަހެއް ކޮންތާކު ތޯ އިނީ. އެލެވެލްގެ ސާރވޭތަކެއް ކުރިން. އެރިޕޯޓް އަލީގައި ހިމާޔާތްކުރުމުގެ މަސައްކަތްތައްވެސް މިކުރެވެނީ.” އީޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭލަކުނު ހިމާރާތްކުރުމަށް ހިޔާލު ހޯދުމުގެ ގޮތުން ސޯޝަލް ސާރވޭއެއް މިހާރު އީޕީއޭއިން ހަދަމުން އަންނަ ކަމަށެވެ. މިސާރވޭގެ ޓާގެޓަކީ އެރަށް ހިމާޔާތްކުރާއިރު ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމެވެ. އެގޮތުން މި ސާރވޭގައި ކޭލަކުނު ވަށައިގެން އުޅޭ ރަށްތަކުގެ ރައްޔިތުން އާބާދީގެ ވަކި އިންސަތައެއް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ނެއްލައިދޫ، ނޮޅިވަރަމް، ކުޅުދުއްފުށި، ނޮޅިވަރަންފަރު، ނޭކުރަންދޫގެ ރައްޔިތުން ހިމަނާފައިވެ އެވެ.

ހދ ކޭލަކުނު–

“އަޅުގަނޑުމެން ބޭނުންވަނީ އެރަށް ހިމާޔާތްކުރިޔަސް ޒަމާނުންސުރެއް އެރަށް ބޭނުންކުރި ގޮތަށް ރައްޔިތުންނަށް ބޭނުންކުރެވެންވާނެއޭ. ދަތުރު ދެވެން ވާނެއޭ، ކާށި ހޮވަން ދަރުހޮވަން ފަދަ ބޭނުންތައް ކުރުމަށް ރައްޔިތުންނަށް ދެވެންވާނެ އޭ.” އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފަތުރުވެރިކަމަށް ކޭލަކުނު ހުޅުވާލަން ނިންމިކަމުގައި ވިޔަސް އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ކޭލަކުނު ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ރަށްތައް އެ ބޭފުޅުންގެ ވެރިކަމެއްގައި ހިމާޔާތްކުރެވިގެންދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355