ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަ ޖެނުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖެނުއަރީމަހު ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ލެވަލްއިން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތައް ހިމެނެއެވެ.
މީގެއިތުރުން މިއަހަރު މުޅިން އަލަށް ރާއްޖޭގައި ކިޔަވައިދޭން ފަށާފައިވާ ސްކޫލް އޮފް މެޑިސިންގެ ކޯސްތައް ހިމެނޭއިރު ޖުމްލަ 97 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ހުޅުވާލާފައެވެ.
ޔުނިވަރސިޓީން ބުނީ މި ކޯސްތަކަށް ޖުމްލަ ހަތް ހާސް ދުއިސައްތައަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވާކަމަށެވެ.
ޔުނިވަރސިޓީން އިއުލާންކޮށްފައިވާ ބައެއް ކޯސްތައް އަތޮޅެތެރޭގެ ބައެއް ކެމްޕަސްތަކުގައި ހިންގުމަށް ހަމަޖެހިފައިވާއިރު މި ކޯސްތަކުގެ ތެރޭގައި ފުލްޓައިމް އަދި ޕާރޓް ޓައިމް ކޯސްތައް ހިމެނެއެވެ.
ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ތާރީހަކަށް ކަނޑައަޅާފައިވަނީ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހެވެ.