twitterviber whatsapp telegramfacebookyoutube instagram
20th April 2024

މި އަހަރު އެފްއޭ ކަޕް ނުބާއްވަން އެފްއޭއެމްއިން ނިންމައިފި

Nov 8, 2018

މި އަހަރު އެފްއޭ ކަޕް ނުބޭއްވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފެއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ފުޓުބޯޅަ ސީޒަން އެކި އެކި ސަބަބުތަކާ ހުރެ ލަސްވެފައިވާތީ ނޮވެމްބަރު ހަ ވަނަ ދުވަހު ކުލަބުތަކާ ކުރި މަސްވަރާތަކަށް ފަހު މި އަހަރު އެފްއޭ ކަޕް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމް އިން ބުނީ މި ނިންމުމާ އެކު އަންނަ އަހަރުގެ އެފްއޭ ކަޕަށް ކޮލިފައި ވާނީ މި ސީޒަނުގެ ޕްރިމިއާ ލީގު ޗެމްޕިއަން ކަމަށެވެ. އަދި ރަނަރަޕަށް އޭފްސީ ކަޕްގެ ޕްލޭ އޮފް ޖާގައެއް ލިބިގެންދާނެ ކަމަށެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ދިގުލައިގެން ގޮސްފައި ވަނީ ސާފު ސުޒުކީ ކަޕަށް ލީގު 70 ދުވަހަށް މެދުކަނޑާލުމުންނެވެ.

އެންމެ ފަހުން އެފްއޭ ކަޕް ކެންސަލް ކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ކެންސަލް ކުރަން ޖެހުނީ މިނިވަން 50ގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ތައްޔާރު ކުރުމުގެ ތެރޭގައި ދަނޑުގެ ވިނަގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ.

ސީޒަނަށް އައި ބަދަލާ އެކު ޕްރެޒިޑެންޓްސް ކަޕު ވެސް މި އަހަރު ނުބާއްވައި އަންނަ އަހަރަށް ފަސް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެފްއޭ ކަޕް މި އަހަރު ނުބޭއްވުމަށް ނިންމާފައިވާ އިރު ސީޒަން ފެށުމުގެ ކުރިން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ވެސް މި އަހަރު ވަނީ ނުބާއްވަން ނިންމައިފަ އެވެ.

ކުރިން ޗެރިޓީ ޝީލް ފަސް ކުރަން ނިންމީ އެ ދުވަސް ވަރު ކުއްލި ހާލަތު އިއުލާނު ކުރުމާ ގުޅިގެންނެވެ. އެއަށް ފަހު ސީޒަން ކަލަންޑަރަށް އަނެއްކާ ވެސް ބަދަލެއް ގެނެސްފި ނަމަ ގައުމީ ޓީމުތަކަށާއި ކްލަބުތަކަށް ގެއްލުންވެދާނެ ކަމަށް ބުނެ އެފްއޭއެމް އިން ވަނީ ޗެރިޓީ ޝީލްޑް ނުބާއްވަން ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355