twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ލީކުވެފައިވާ ތާރު ފީފާތައް ނަގައި ރައްކާތެރިގޮތުގައި ނައްތާލަން އީޕީއޭ އިން އަންގައިފި

Nov 9, 2018

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުއަށް ގެނެސް، އެކި ސަރަހައްދުތަކުގައި ރައްކާތެރިނޫން ގޮތުގައި ބަހައްޓާފައިހުރި ތާރު ފީފާތައް ނަގައި ރައްކާތެރިގޮތުގައި އެތަކެތި ނައްތާލުމަށް އެންވަރަމެންޓް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލަންކާގެ ސިއޭރާ ކުންފުންޏަށް އަންގައިފި އެވެ.

ކުޅުދުއްފުށީގެ މަގުތައް ހެދުމަށް ސިއެރާ ކުންފުނި ގެނެސް “އުކާލާފައި” ހުރި ތާރު ފީފާތަކެއް ދެ ސަރަހައްދެއްގައި އެބަހުއްޓެވެ. އެއީ ކުނިކޮއްޓާއި އިންޖީނުގެ އާއި ދޭތެރެ މަގު އާއި އާޓިފިޝަލް ބީޗް ސަރަހައްދެވެ. އެތަނުގައި ހުރި ތާރު ފީފާތަކުގެ ތެރެއިން ބައެއް ފީފާތައް ހަލާކުވެ ތާރުތައް ދަނީ ބިން މައްޗަށް ލީކުވަމުންނެވެ.

ކުޅުދުއްފުށީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ތާރު ފީފާތަކަކުން ލީކުވެފަ–

ދަގަނޑު ފީފާތަކުގައި ހުރި އެތަކެތި ބަހައްޓާފައިހުރީ އެއްވެސް ރައްކާތެރިކަމެއް ނެތި ހާމަ ތަންތަނުގަ އެވެ. އެހެންވުމުގެ ގިނަ އަދަދެއްގެ ތާރު ފިފާތައް ހުރީ ހަލާކުވެފަ އެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި އެތަކެތި ނަގައި ރައްކާތެރިގޮތުގައި ނައްތާލުމަށް އީޕީއޭ އިން ވަނީ ސިއޭރާ ކުންފުންޏަށް އަންގާފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ރަށްރަށުގެ މަގު ހަދަން ގެނެސް ބަހައްޓާފައިހުރި ތާރު ފީފާތައް ހަލާކުވެ މުޅި ބިން މައްޗަށް އެތަކެތި ފައިބަމުންދިޔަ މަންޒަރާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެ އެވެ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އަދި ހއ. ދިއްދޫ އިންވެސް މިމަންޒަރުންތައް މިގޮތަށް ފެންނަމުންދިޔަ އެވެ. ސީދާ ގޮތުން މިކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔައީ ރަށްރަށުގެ ނާޒުކު މާހައުލަށެވެ. މި ގޮތުން ރަށްރަށުގެ ފެންފަށަލަ އަށާއި ބިންގަނޑު މިކަމުގެ ސަބަބުން ތަގައްޔަރު ވާނެ ކަން އެއީ އަހަރެމެން އެންމެންވެސް ދަންނަން ޖެހޭ ހަގީގަތަކެވެ.

ތިމާވެށީގެ ރޮގުން އެމެރިކާގެ ސިރަކުއުސް ޔުނިވާރސިޓީ އަދި ސްޓޭޓް ސުކޫލް އޮފް ނިއުޔޯރކް، އެންވަޔަރަމެންޓް އެންޑް ފޮރެސްޓްރީގައި މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ތިމާވެށިގެ އެކްޓިވިސްޓެއްކަމަށް އަބުދުﷲ އާދަމް (އެޑަމް) ބުނިގޮތުގައި މިއީ ރަށުގެ ފެންފަށަލަ އަދި ބިންގަނޑު ތަގައްޔަރުވާނެ ކަމެކެވެ.

ކުޅުދުއްފުށީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ތާރު ފީފާތަކަކުން ލީކުވެފަ–

“މިއީ ވަރަށް ދެރަ ކަމެއް! ކުޅުދުއްފުށީގެ ގިނަ ގެތަކުގައި އަދިވެސް ބިމުން ފެންނަގައިގެން އެކި ބޭނުންކުރޭ. ރަށެއްގެ ބިންގަނޑު ދަށުގައި އާނުގަނޑު ލެވިފައި މިއޮންނަނީ ބޯތައްޓެއްގޮތަށް. ބިމަށް ވެހޭފެން ބިމުގެ ތެރެއިން ފޭދިގެން ގޮސް މިހަރުލަނީ އާނުގަނޑު މަތީގައި. ތައްޓަކަށް އެޅޭ ގޮތަށް. އަހަރެމެން ރަށުގެ އެކި ހިސާބުތަކުގައި ވަޅުކޮނެގެން ނަގައި ބޭނުން މިކުރަނީ އެފެން. ފެންފަށަލައިގެ އެއްހިސާބަށް ތެޔޮ ނުވަތަ އެސްފާލްޓް ފަދަ މާއްދާއެއް އެޅިއްޖަނަމަ މުޅި ފެންފަށަލަ އަށް ފެތުރުމުގެ ޗާންސް ވަރަށް ބޮޑު. ބިމަށް ތެޔޮ އެޅުނީމަ ވާރެ ފެނާ އެއްކޮން މިތަކެތިވެސް ފެންފަށަލައަށް ވާސިލްވެ ފެންފަށަލަ ތަގައްޔަރު ކުރާނެ. މީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް” އެޑަމް ފާހަގަ ކުރިއެވެ.

މަޝްރޫއުތަކަށް ގެންނަ ތާރު ފީފާތައް ލީކުވެ ރަށްރަށުގެ ނާޒުކު ފެންފަށަލައަށް ނުރައްކާ!

މިފަދަ މާއްދާތަކުން ބިންގަޑު އަދި ފެންފަށަލަ ތަޤައްޔަރު ވުމަކީ އަހަރެމެންގެ ސިއްހަތަަށްވެސް ނުހަނު ނުރައްކާތެރި ކަމަކަށް ނުވެ ނުދާނެއެވެ. ހާއްސަކޮށް އެސްފާލްޓް ފަދަ މާއްދަތަކަކީ ކެންސަރަށް މަގުފަހި ކުރާ އަދި އެހެނިހެން ނެދެވޭ ސިއްހީ ކަންކަމާވެސް ގުޅިފައިވާ ނުރައްކާތެރި މާއްދާތަކެވެ. މިހެންކަމުން މިފަދަ މާއްދާތަށް އުފުލުމުގަޔާއި، ރައްކާކޮށްފައި ބެހެއްޓުމުގައި އަދި އަޅާފައި ހުންނަ ފީފާތައް ނައްތާލަން ވަކި އުސޫލްތަކެއް ގެންގުޅުން ވަރަށް މުހިންމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355