twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހާލުގައި ޖެހިފައި ހުއްޓާ ވޮލެޓް ވަގަށް ނެގި މީހާ ފަޅާ އެރީ މާފަހުން!

Nov 11, 2018

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދަރިފުޅު އޮތީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. މާލެ ފޮނުވާލެވޭނެ ވަގުތަށް ތައްޔާރަށް ތިއްބާ ޖާގަ ލިބުނީ ހަނިމާދޫއިން އެ ދުވަހު ހެނދުނު ފުރަން އޮތް ފުލައިޓަކުންނެވެ. އައިޝަތު(އަސްލު ނަމެއް ނޫން) ފަތިސް ނަމާދުކޮށް އަވަސް އަރުލާވައިގެން ޓެކްސީއަކަށް ގުޅި އެވެ. ޓެކްސީ އައުމާއެކު ޓެކްސީއަށް އަރައި ހޮސްޕިޓަލަށް

ދިއުމަށް އެދި ދަތުރު ފައިސާ ވެސް އަވަހަށް ޑްރައިވަރަށް ދިނެވެ. ބޭނުމަކަށްވީ ވީ އެންމެ އަވަހެއް ކުރުމެވެ. އެކްސިޑެންޓްގައި އަނިޔާވީ ފިރިހެން ދަރިފުޅުގައި ބޮލަށެވެ. ހާލަތު ސިރިއަސްއެވެ.

ދަރިފުޅާއެކު މާލެ ދިއުމަށް ވޮލެޓަށް 8000ރ ލައިގެން ޓެކްސީގައި އިން އިރުވެސް އޭނާ ދިޔައީ ވެންޓިލޭޓަރުގައި އޮތް އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކުރުމަށް އެދި ދުއާކުރަމުންނެވެ. ޓެކްސީ ގޮސް މަޑުކޮށްލީ ހޮސްޕިޓަލާ ވަރަށް ކައިރީގައި ހުރި ގެޔަކަށެވެ. އެއީ ފަރިރީތި ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުރި ގެއެކެވެ. އެ ގެއަކީ އޭނާގެ އަންހެން ދަރިއެއް ފިރިމީހާގެ ގެއެވެ. މަޑުކޮށްލުމާއެކު ޓެކްސީއިން ފައިބައިގެން ވަނީ އެ ގެއަށެވެ. ދެން ހޮސްޕިޓަލަށް އޭނާ ދިޔައީ ހިނގާފަ އެވެ. އިރުކޮޅެއް ފަހުން އެއްޗެއް ގަންނަވެގެން ވޮލެޓް ކޮބާތޯ ބަލާލި އެވެ. އެކަމަކު ނެތެވެ. ހޯދަން ފެށި އެވެ. އައިޝަތުގެ ވޮލެޓް ނެތްކަން އެނގުނު ހިސާބުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ބޮޑަށް މުހިންމުވީ ކާޑުތަކެވެ. އައިޑީ ކާޑު ނެތި ދަތުރުނުކުރެވޭނެތީ އެވެ.

“އޭރުވެސް ނޭނގޭ ކޮންތާކު ކަމެއް ބޭއްވުނީއެއް. އެއްވެސް ކަމެއް ހަނދާނެ ނުވޭ. ގޭގަ ބާއްވާފަ ތޯ އާދެވުނީވެސް ބެލިން. ދެން ދަރިއަކު ބުނީ މަންމަ ޓެކްސީއަށް ރުފިޔާ ދިނީމޭ ނުންހޭ. އެހިސާބުން ހަނދާންވީ ޓެކްސީ މަތިން.”

ޓެކްސީއަށް ރުފިޔާ ދިނުމަށްފަހު ވޮލެޓް ބޭއްވުނީ އުނގުމަތީގަ އެވެ. ޓެކްސީގައި ވޮލެޓް އޮތްތޯ ސާފުކޮށް ޑްރައިވަރަށް ގުޅުމުން އޭނާ ވާހަކަ ދެއްކީ ވަރަށް ހިތްހަމަ ނުޖެހި ހުރެ އެެވެ. އެހެންވުމުން ވޮލެޓް ނެގީ ޑްރައިވަރުކަމަށް ހީކޮށް އޭނާއަށް ތުހުމަތުކުރި އެވެ. އަދި އެތަނުގައި ތިބި އާއިލާގެ އެހެން މީހުން ވެސް އެކި ގޮތްގޮތަށް ޑްރައިވަރަށް ގުޅައި ކާޑުކޮޅުވިޔަސް ދިނުމަށް

އެދުނެވެ. ޑްރައިވަރުގެ ކަންތައް ކުރިގޮތުން ވޮލެޓް ނެގީ އޭނާ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ވޮލެޓް ގެއްލުނީ ޓެކްސީއެއްގެ ތެރެއަށް ބެލެވި ފުލުހުންނަށް ވެސް އެކަން އެނގި އެވެ.

ދަރިފުޅު މާލެ ފޮނުވާލާތީ އާއިލާގެ ގިނަ ބަޔަކާއި ރަހުމަތްތެރިން ވެސް ހޮސްޕިޓަލްގައި ތިއްބެ އެވެ. އެތަނުން އެކަކަކީ އައިޝަތުގެ ފިރިމީހާގެ ކުރީގެ އޮފީސް މީހެކެވެ. އާންމުކޮށް ކުޅުދުއްފުށީ މީހުން އެމީހާއަށް ކިޔާ އުޅެނީ ކޮންމެވެސް ރަށެއްގެ ނަން ކުރިއަށްލައި “ޅިޔަންބެ” އެވެ. ވޮލެޓް ހޯދުމަށް މަގުމަތި ބެލުމަށް ހިނގާށޭ ބުނެ ޅިޔަންބެ ނިކުތެވެ. ޅިޔަންބެ ފަހަތުން ނިކުތީ އަބޫބަކުރެވެ. އަބޫބަކުރަކީ އައިޝަތުގެ އާއިލީ މީހެކެވެ. ވޮލެޓް ހޯދުމަށް ހޮސްޕިޓަލުން ނިކުމެ ސައިކަލަށް އެރުމަށްފަހު ޅިޔަންބެ ބޭނުންވީ ވޮލެޓް ހޯދަން ފެށުމުގެ ކުރިން ޅިޔަންބެގެ ގެއަށްގޮސް ވޮލެޓް އޮތް ތަނެއް ބެލުމަށް ކަމަށް ބުނެ ފާލުބަލަންށެވެ. ބަކުރު ބޭރުގައި ބަހެއްޓުމަށްފަހު ގެއަށް ވަދެ ފަސްވަރަށް މިނިޓެއް ފަހުން ނިކުމެ ނައްޓާލީ އެވެ.

ސައިކަލު ދުއްވަން އިނީވެސް ޅިޔަންބެ އެވެ. ހިރަފުސް ދަނޑާ ހަމައަށް ގޮސް ޅިޔަންބެ ބުނީ މަގުގެ ކައިރީގައި ހުރި ވިނަތަކުގެ ތެރެވެސް ރަނގަޅަށް ބެލުމަށެވެ. އެތަނުން މާގިނައިރުތަކެއް ނުވެ ވޮލެޓް ފެނިއްޖެ އެވެ. ބަކުރު ގާތު ނަގަންދާށޭ ބުނުމުން އަތްލުމުގެ ބަދަލުގައި ދަނޑިކޮޅަކުން ވޮލެޓް ހުޅުވާލިއިރު އައިޝަތުގެ ފޮޓޯއެއް ފެނުމުން އެއީ އެ ވޮލެޓްކަން ޔަގީންވި އެވެ. ދެން ބަކުރު ވޮލެޓްގައި އަތްނުލީ ފިންގަ ޕްރިންޓް އަރާނެތީ އެވެ. އައިޝަތުގެ ވޮލެޓް ފެނުނު ވާހަކަ ބުނުމުން އޭނާ ބުނީ ހިފައިގެން ވިހާވެސް އަވަހަކަށް އައުމަށެވެ. ވަގުތު ނެތުމުންނެވެ. ހަނިމާދޫއަށް ގޮސް ފުރަތަމަ ވެސް މަސައްކަތް ކުރީ އޭޓީއެމްއަށް ވަދެ ރުފިޔާއެއް ނެގުމަށެވެ. އަތުގައި އެންމެ ރުފިޔާއެއް ވެސް ނެތުމުންނެވެ. ދެ ފަހަރަކު ޕާސްވޯޑް ޖެހުމުން ވެސް ފައިސާ ނެގޭގޮތް ނުވުމުން އެނގުނީ ކާޑު ބޭނުންކުރަން އުޅެ ނުބައި ޕާސްވޯޑް ޖެހުމުން ބުލޮކް ކޮށްލާފައިވާ ކަމެވެ. މާލޭއަށް ގޮސް ކާޑު ޔުނިޓަށް ގުޅައި މައްސަލަ ހުށަހެޅި އެވެ.

އަދި މާލޭގައި ހުރި ދުވަސްތަކުގައި މައްސަލަ ކުރިއަށްދާވަރު ބެލުމަށް ކޮންމެ ދުވަހަކު ފުލުހަށްށާއި ބޭންކަށް ގުޅަމުންދިޔަ އެވެ. ހަގީގަތް ސާފުވީ ދުވަސްތަކަކަށްފަހު އެވެ. އެ މައްސަލާގައި ޅިޔަންބެ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އެއްބަސްވި އެވެ. އެއްބަސް ނުވެ ދެވެން ނެތީ އެވެ. އޭޓީއެމްތަކުން ކާޑު ޖަހައިގެން ފައިސާ ނަގަން ހުރި ފުޓޭޖްތައް ހުއްޓެވެ. ފުލުހަށް ދިޔުމަށްފަހު ޅިޔަންބެ އައިޝަތުއަށް ގުޅާ ގެއަށް އައެވެ. އަދި ވޮލެޓް ނެގީ ޅިޔަންބެ ކަމަށް ފުލުހުން ތުހުމަތުކުރާތީ އައީ ގެއްލުނު 8000ރ ދޭން ކަމަށް ބުނެ އެ ފައިސާ އައިޝަތުގެ އަތަށް ދިނުމަށްފަހު މައްސަލަ ނަގާދިނުމަށް އެދުނެވެ.

ޅިޔަންބެއަށް ވޮލެޓް ފެނުނީ ފަރިރީތި ހާޑްވެއާ ކައިރީ ވެއްޓިފަ އޮތްވަ އެވެ. އެހެންވީއިރު ޓެކްސީ ފޭބުމުގެ ތެރޭގައި ވޮލެޓް ވެއްޓުނީ އެވެ. އެވަގުތުގެ ނާޒުކުކަމުން ވޮލެޓް އުނގުމަތިން ނަގަން ހަނދާން ނެތުމުން ފޭބުމުގެ ތެރޭގައި ހެނދުންމަތި ސޮއްސާލައިގެން ވޮލެޓް ވެއްޓުނީ އެވެ. ވޮލެޓް ފެނުމުންވެސް އެއީ އައިޝަތުގެ ވޮލެޓްކަން ޅިޔަންބެއަށް އެނގުނެވެ. ކާޑުތައް ހުރުމުންވެ. އެހާ އުނދަގޫ ހާލަތެއްގައި ޅިޔަންބެ އެކަން ކުރުމުންވެސް އެދުނު ގޮތަށް އައިޝަތު މައްސަލަ ދޫކޮށްލި އެވެ. އަދި ވޮލެޓް ނެގީ ޑްރައިވަރު ކަމަށް ތުހުމަތުކުރެވުމުން އެކަމަށް ޑުރައިވަރުގެ ކިބައިން އައިޝަތު މާފަށް ވެސް އެދުނެވެ. އެގޮތަށް ބެލެވުނީ ޑުރައިވަރު އެދުވަހު ކަންތައްކުރި ގޮތުންކަމަށް ވެސް އައިޝަތު ބުންޏެވެ.

ނޯޓް: މިއީ ކުޅުދުއްފުށީގައި ދާދި ފަހުން ހިނގައި ދިޔަ ހާދިސާ އެކެވެ. ނަމަވެސް މީގައި ބޭނުންކޮށްފައިވާ ބައެއް ނަންތަކަކީ އަސްލު ނަންތަކެއް ނޫންކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް އެމީހުންނާ ނަންތަކާ ގުޅުން ހުންނާނެ އެވެ. ޅިޔަންބެއަކީ ކުޅުދުއްފުށީ އެމްޕީއެލްގައި މަސައްކަތްކުރާ މީހެކެވެ. ކުޅުދުއްފުށީގެ ރަޖިސްޓްރީގައި މިހާރު އޮންނަ މި މީހަކީ ހދ ގެ އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355