ގައުމަށްޓަކާ ބޮޑުތަކުރުފާނު ވެވަޑައިގަތް މަތިވެރި ޖިހާދު އަންނަ އޮތް ޖީލުތަކަށް ވާސިލުކޮށްދޭން ޖެހޭކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ ޕޯޗުގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުންދާއިރު އެތަކުރުފާނު ދީނަށްޓަކާ، ގައުމުގެ މިންވަންކަމަށް ވެވަޑައިގެންނެވި ގުރުބާނީ ގައުމީ ނަޒަރަކުން ވިސްނާ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަން ޖެހޭކަމަށެވެ.
ގައުމު އިސްކޮށް ގައުމީ ކަންކަމުގައި ދަރީން ބައިވެރިކުރުމަށްވެސް އޭނާ ގޮވާލެއްވި އެވެ. އަދި ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއް ތޯ ނުބަލައި ކޮންމެ މީހަކުވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއް ތޯ ބަލަން ޖެހޭކަމަށް ހުސެއިން ވިދާޅުވި އެވެ.
ހދ އަތޮޅު ކައުންސިލްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރުކާރު މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.