twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑެކަގަން ކަޕްގެ ތަށި މާޒިންސް އުފުލާލައިފި، އެންމެ މޮޅު ކުޅުންތެރިޔަކަށް ސިފާއު

Dec 20, 2018

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް، ނޭކުރަންދޫ ޑެކަގަން ކަޕްގެ ތަށި މާޒިންސް އުފުލާލައިފި އެވެ. ނޭކުރަންދޫގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މާޒިންސް ތަށި އުފުލާލީ އެކްސް ޒީރޯއާ ބައްދަލުކޮށް 2-0 ލަނޑުގެ ތަފާތަކުންނެވެ.

ނޭކުރަންދޫއަށް ނިސްބަތްވާ މި ދެ ޓީމުގެވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު މާޒިންސްގެ ދެ ގޯލުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފްގަ އެވެ. ފުރަތަމަ ގޯލް ޖެހީ 24 ވަނަ މިނިޓްގައި އަހުމަދު އިމާޒެވެ. ދެވަނަ ގޯލް ޖަހާފައިވަނީ އިބުރާހިމް ރަޝީދެވެ.

މިމުބާރާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެލެއްވީ މަޝްހޫރު ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. މިމުބާރާތުގެ ތަށި އަދި ޗެމްޕިއަން ޓީމަށްދޭ 35000ރ މާޒިންސްއާ ހަވާލުކޮށްދެއްވީ ސުޒޭން އެވެ.

ޑެކަގަން ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ސިފާއު–

މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ލިބުނީ މާޒިންސްގެ އަހުމަދު ޝަރުވާން އެވެ. މޮޅު ޑިފެންޑަރުގެ މަގާމު ލިބިފައިވަނީ ކުލަބު ސިވިކްގެ އިބުރާހިމް ހުމައިދެވެ. އެންމެ މޮޅު ފޯވާޑަކަށްވެސް ހޮވުނީ މާޒިންސްގެ ކުޅުންތެރިޔެއްކަމަށްވާ އަހުމަދު އިމާޒެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ މާޒިންސްގެ އަހުމަދު އިމާޒް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ މާޒިންސްގެ ހުސެއިން ސިފާއު ޔޫސުފެވެ. އޭނާ ވަނީ މިއަދުގެ މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

ކުލަބު ސިވިކްގެ އަހުމަދު ހުވައިދަށް އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ލިބުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެކްސް ޒީރޯގެ ކޯޗު ހަސަން ޒާހިރު އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ކުމުންދޫ އެފްސީގެ ފުރުޤާން އަބުދުލް ހަމީދެވެ.

މުބާރާތުގެ ހާއްސަ މަގާމުތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިމުބާރާތުގެ ދެ ސްޕޮންސަރުންކަމަށްވާ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރު އަލީ އަބުދުލްރަހްމާނު އާއި ޑައިރެކްޓް ލޮގިސްޓިކްގެ މެނޭޖިންގ ޑިރެކްޓަރު މުުހައްމަދު ރާއީ އެވެ.

ޑެކަގަން ކަޕްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އިމާޒް–

ބައިލައްކަ ރުފިޔާއަށް ވުރެ އަގުބޮޑު މިމުބާރާތްތަކީ ނޭކުރަންދޫ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ އަގުބޮޑު މުބާރާތެކެވެ. މިމުބާރާތުގައި މިއަހަރު 8 ޓީމެއް ބައިވެރިވެފައިވެ އެވެ. އެ ޓީމްތަކަކީ ކުޅުދުއްފުށީ ހިރަފުސް، ކުމުންދޫ، ކުރިނބީ އެވެ. ނޭކުރަންދޫން ފަސް ޓީމެއް ނެރެ އެވެ. އެއީ އެކްސް ޒީރޯ، މާޒިން، ޓީމް ރުއްގަނޑު، ކުލަބު ސިވިކް އަދި ސެނޮން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355