ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށްގެންދަން ނިންމި ހައުސިންގ މަޝްރޫއު އިއުލާން ނުކުރެވި ލަސްވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބިގެންކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 150 ހައުސިންގ ޔުނިޓްގެ ރިއަލް އެސްޓޭޓް މަޝްރޫއެއް ކުޅުދުއްފުށީގައި ކުރިއަށްގެން ސިޓީ ކައުންސިލުން ނިންމީ މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގަ އެވެ.
އެ މަޝްރޫއު އީއޯއައިއަށް ހުޅުވާލުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ނަގަން ޖެހޭތީ އެކަމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ކައުންސިލް ނިންމުމާއެކު ހުއްދަ ހޯދަން ޖެހޭ ތަންތަން ހުށަހަޅަން ސިޓީ ކައުންސިލުން ނިންމާ އެލްޖީއޭ އަށާއި ފިނޭންސްއަށް ހުށަހެޅި އެވެ.
ޗެނަލް 13 ގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އެ މަޝްރޫއު ހިންގަން އެލްޖީއޭގެ ހުއްދަ ލިބި މިހާރު އޮތީ ފިނޭންސް މިނިސްޓްރީގައި ކަމަށާއި އެކަމަށް ހުޅުވާލުން ލަސްވަނީ ފިނޭންސުން 'ޔެސް' ނުބުނެވިގެން ކަމަށެވެ.
އެ މަޝްރޫއަށް ޝައުގުވެރިކަންފާޅުކޮށް ގިނަ އިންވެސްޓަރުން އެބަތިބި ކަމަށާއި އިއުލާންކުރެވޭ ވަރަށް ހުރިހާ ލިޔެކިޔުންތަކެއް ހުރީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އިއުލާން ކުރުން ލަސްވެގެން މިދަނީ ސަރުކާރުން "ޔެސް" އެޕްރޫވަލް. އެވަރު ކުޑަކަމެއްގައި އެޕްރޫވަލް މިހާ ލަސްވަމުންދާއިރު އަނެއްކާވެސް ކުދި ކުދިން ކަންކަމުގައި އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީގައި ސަލާން ޖަހަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ވެއްޖެކަމަށްވާނަމަ އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް." މޭޔަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ލާމަރުކަޒީ ގާނޫނަށް ގެންނަ އުޅޭ އިސްލާހުތަކާ ގުޅޭ ގޮތުން އާތިފް ވިދާޅުވީ، އެ ބޭފުޅުން ބޭނުންވާ ގޮތަށް ގާނޫނު އިސްލާހުކޮށްފިއްޔާ ރަށްރަށުގައި ޕްރޮޖެކްޓެއް ހިންގަން ނުވަތަ ރަށެއްގައި ކުޑަކުޑަ ހަރަކާތެއް ހިންގަންވިޔަސް އަނެއްކާވެސް ފިނޭންސް މިނިސްޓްރީގެ އަރިހުން ސަލާން ޖަހަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން ފިނޭންސްގެ ހުއްދައެއް ބޭނުންވާ ކަމެއްގައި މިއުޅެނީ މަސް ދެ މަސްވެގެންމިދަނީ. ހުއްދައަށް ފޮނުވާފައި މިހާރު ފިނޭންސް މިނިސްޓްރީގައި އޮތީ. އަޅުގަނޑުމެންނަށް [ހައުސިންގ މަޝްރޫއު] އިއުލާންކުރުން ލަސްވެގެން މިދަނީ ސަރުކާރުން "ޔެސް" އެޕްރޫވަލް، [ނުލިބިގެން] އެވަރު ކުޑަކަމެއްގައި އެޕްރޫވަލް މިހާ ލަސްވަމުންދާއިރު އަނެއްކާވެސް ކުދި ކުދިން ކަންކަމުގައި އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީގައި ސަލާން ޖަހަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ވެއްޖެކަމަށްވާނަމަ އެއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް." މޭޔަރު އާތިފް ވިދާޅުވި އެވެ.
ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށްދެއްވާނެކަމުގެ ވައުދުފުޅާއެކު އެެވެ. އެހެންނަމަވެސް ސަރުކާރުން ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރަނީ އެ ނިޒާމު ފުންޑާލައި އަތޮޅުތެރެ ނިކަމެތިކޮށްލުމަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.