twitterviber whatsapp telegramfacebookyoutube instagram
10th May 2024

ކުޅުދުއްފުށީގައި ކުނީގެ މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައި، އަވަސް ހައްލެއް މުހިންމު: މިނިސްޓަރު

Feb 8, 2019

ކުޅުދުއްފުށީގެ ކުނީ މައްސަލަ ބޮއްސުންލައި އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެކަމަށް އަވަސް ހައްލެއް މުހިންމުކަމަށް އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ކުނީ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރު މިއަދު ވަނީ ކުޅުދުއްފުށީ ކުނި އަޅައި ސަރަހައްދަށް ޒިޔާރާތްކޮށް ތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ. މިއީ ދައުލަތުގެ މިނިސްޓަރު މި ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި މިރަށުގެ ކުނީގެ ހާލަތު ބެލުމަށް ޒިޔާރާތްކުރި ފުރަތަމަ ފަހަރެވެ. މިނިސްޓަރު ވަނީ ކުނި ކޮށީގެ ތިން ސަރަހައްދެއް ބައްލަވާލައްވާފަ އެވެ.

ކުނީގެ ހާލަތު ބެއްލުމަށްފަހު މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ އެއްވެސް މަސައްކަތެއް ކައުންސިލުން ނުކުރާތީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަދި ވީހާވެސް އަވަހަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް މިނިސްޓަރު ކައުންސިލުން ކިބައިން އެދިލެއްވި އެވެ. ކުނި މެނޭޖްނުކުރުމުގެ ސަބަބުން ސިއްހީގޮތުންނާއި އެހެނިހެން ގޮތްގޮތުން ނުރައްކާތެރި ހާލަތެއްގެ ކުނިކޮށި އޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަންވެސް ކައުންސިލަށް ދޭނެ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދޭނީ ކައުންސިލުން މަސައްކަތަށް ފަށައިގެން ކަމަށެވެ. ކުނި މެނޭޖްކުރުމަށް ކައުންސިލްގައި ހުރި ދަތިތައްވެސް މިނިސްޓަރު ވަނީ އޮޅުން ފިލުވާފަ އެވެ. ކައުންސިލަށް ނުކުރެވޭކަމަށްވާނަމަ ވެމްކޯއާ ހަވާލުކޮށްގެންވެސް މަސައްކަތް ފަށަން ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ވެމްކޯއާ ހަވާލުކުރަން ވަގުތު ނަގާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކައުންސިލުން އިސްވެ ފަށައިގަތުމަށެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެކަމަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ކައުންސިލަށް ދޭން ތައްޔާރަށް ތިބި ކަމަށެވެ. މިނިސްޓަރުގެ އަރިހުގައި މިދަތުރުފުޅުގައި އީޕީއޭ ޑިރެކްޓަރު ޖެނެރަލް އާއި ވެމްކޯގެ އެމްޑީވެސް ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355