ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ އާއި ސްޓެލްކޯގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓް ޓެރިފް ރޭޓުތައް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް ޑރ މުއިއްޒު މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓް ޓެރިފް ރޭޓްތައް ކުޑަކޮށް، އަންނަ ޖޫން މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން ކަމާ ގުޅުން ހުރި ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.
" 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓް ޓެރިފް ރޭޓުގެ ގޮތުގައި މިހާރު ނަގާ އަދަދާއި އަގު ހެޔޮކުރުމުން ނަގާނެ އަދަދު ވެސް ހިމަނައިދެއްވާފަ އެވެ.
އެއީ:
ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50 - އާ ރޭޓް: 1.25
ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70 - އާ ރޭޓް 1.50
ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15 - އާ ރޭޓް 1.50
ބޭންޑް 301-400: މިހާރު ނަގާ ރޭޓް 2.50 - އާ ރޭޓް 1.50
ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95 - އާ ރޭޓް 2.66
ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55 - އާ ރޭޓް 3.20
ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25 - އާ ރޭޓް: 3.83
ކުޅުދުއްފުށީގެ ގޭބިސީތަކަށް މެއިމަހު ފޮނުވި ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމުން އާންމު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅުކުރަމުންނެވެ. އަދި އެކަމާ ގުޅިގެން ބަޔަކު ފެނަކަ އޮފީސް ދޮށަށް އެއްވެ ނުރުހުންވެސް ފާޅުކުރި އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މެންބަރު ފަރުހަތު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރަންޓް ބިލް އިންތިހާއަށް ބޮޑުވަމުންދާ މައްސަލައަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މި ކަންބޮޑުވުން ކަމާބެހޭ މުއައްސަސާތަކާއި އަދި ސަރުކާރުގެ އެންމެ މަތީފަރާތްތަކާވެސް ހިއްސާކޮށްފައިވާ ކަމަށާއި ސަރުކާރުން މިކަމަށް ލުއިގޮތެއް ހޯއްދަވައި ދެއްވާނެކަމަށް ގަބޫލުކުރައްވާކަމުގައިވެސް މެންބަރު ވިދާޅުވި އެވެ.
ރާއްޖޭގައި ކަރަންޓުގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނައީ 2009 ގަ އެވެ. އޭގެ ކުރިން ތިން ބޭންޑަކަށް ކަރަންޓުގެ އަގުތައް ހުރި ނަމަވެސް ސަރުކާރުން 2009 ވަނަ އަހަރު ގެނައި ބަދަލުގެ ދަށުން ވަނީ ހަތް ބޭންޑަކަށް ޓެރިފް ބައި ކޮށްފަ އެވެ. އޭގެ ފަހުން 2016 އަދި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނެސްފައި ވެ އެވެ. އެކަމަކު، ޖުމްލަކޮށް ޓެރިފްތަކަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.