ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެއް މެގަވޯޓް އިންޖީނެއްގައި މައްސަލަ ޖެހި އަނެއްކާވެސް ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ނިންމައިފި އެވެ.
ބައެއް އިންޖީނުތަކުގައި މައްސަލަ ޖެހިގެންނާއި ލޯޑްނުހިފަހައްޓައިގެން މިއަހަރުގެ މާރޗުމަހުން ފެށިގެން އެޕްރީލްމަހުގެ ނިޔަލަށް ކުޅުދުއްފުށިން ކަރަންޓް ކެނޑި އެވެ.
އޭރު އެ މައްސަލަ ހައްލުކުރީ 800 ކިލޯވޯޓްގެ އިންޖީނަކާއި 600 ކިލޯވޯޓްގެ ދެ އިންޖީނު ގެނެސްގެންނެވެ. އަދި އިންޖީނުގޭގައި ހުރި މައްސަލަތައް ހައްލުކުރީ ސްޓެލްކޯގެ ޓެނިކަލް ޓީމެއް ކުޅުދުއްފުއްޓަށް އައިސްގެންނެވެ.
ފެނަކަ ކުޅުދުއްފުށީ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެއް މެގަވޯޓް އިންޖީނެއްގައި މައްސަލަ ޖެހިފައިވާތީ މައްސަލަ ހައްލުކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި ކަރަންޓް ކެނޑޭ ކޮންމެ ސަރަހައްދަކަށްވެސް ކަރަންޓް ކެނޑޭތާ އެއްގަޑިއިރު ފަހުން އަލުން ކަރަންޓް ދެވޭނެ ކަމަށެވެ.
އެހެންކަމުން ކަރަންޓް ބޭނުންކުރާ މިންވަރު ވީހާވެސް މަދުކުރުމަށް ފެނަކަ އިން އިލްތިމާސްކުރެ އެވެ. އަދި އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ފެނަކަ އިން މައުލޫމާތުދެ އެވެ.
މިއަހަރުގެ ގެނައި ތިން އިންޖީނުގެ ތެރެއިން 600 ކިލޯވޯޓްގެ އެއް އިންޖީނު އަދި ބެހެއްޓޭވަރުވެފައެއްނުވެ އެވެ. ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް 1.2 މެގަވޯޓްގެ އިންޖީނެއް ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު މިދިޔަ އެޕްރީލްމަހު 6 ވަނަ ދުވަހު ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިނަމަވެސް އަދިވެސް އިންޖީނު ކުޅުދުއްފުއްޓާ ހަމައަށް ގެނެވިފައިނުވާކަން ފާހަގަކުރެވެ އެވެ.