ށ ކަނޑިތީމަށް ކަރަންޓް ދޫކުރުމަށް ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވެ ރަށުން ކަރަންޓް ކަނޑާތާ 3 މަސްވެ، އާންމު އުނދަގުލަކުން ވެއްޖެ އެވެ.
ކަނޑިތީމު ފެނަކައިން ކަރަންޓު ކެނޑުމަށް ކޮށްފައިހުރި އިއުލާންތަކެއް ޝެއާކުރަމުން ކަޑިތީމް ކައުންސިލް ރައީސް އަހުސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑިތީމު ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދުވަހެއް ދުވަހަކަށްވަނީ ގޯސްކަމުގަ އެވެ.
އަހުސަން ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށަށް ކަރަންޓް ދޫކުރުމަށް ބޭނުންކުރާ ޖަނަރޭޓަރު ތެރެއިން 1 ޖަނަރޭޓަރު ހަލާކުވެގެން ލޯޑު ނުހިފަހައްޓާތީ އެކި ދުވަސްމަތިން ދުވާލަކު 1 ގަޑިއިރަށް ނުވަތަ ބައިގަޑިއިރަށް ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންއަންނަތާ 3 މަސްވަނީ ކަމަށެވެ.
ރައްޔިތުންގެ މުދަލަށް ގެއްލުންވާކަމުގެ ޝަކުވާ ކައުންސިލަށް ލިބޭކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ ފެނަކައިގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވާނެ ކަމަށާއި ޖަނަރޭޓަރެއް ގެނާނެ ކަމަށް ފެނަކައިން ބުނަމުން އަންނަ ކަމަށެވެ.
"އިންޖީނެއް ވައްދަނީއޭ ފެނަކައިން ބުނަމުން އަންނަތާ ދުވަސްވެއްޖެ. ކުޅުދުއްފުއްޓަށް ގެންގޮސްހުރި އިންޖީނެއް، އެ ރަށަށް ކުޑަވާއެއްޗެއް މި ކޮޅަށް ގެންނަ ވާހަކައެއްވެސް ބުނަނީ. މި މައްސަލަ ހައްލުކުރަންޏާ 9 މަހަކީ ކުޑަ މުއްދަތެއް ނޫން. ރައްޔިތުން ބަލާކަށްވެސް ބޭނުމެއް ނުވާނެ ކިތަށް އިންޖީނުތޯ ހުރީ ކިތަށް އިންޖީނުތޯ މަސައްކަތްކުރަނީ. ރައްޔިތުންނަށް ހިދުމަތް ލިބޭކަމަށްވާނަމަ ރައްޔިތުން ޝަކުވާއެއް ނުކުރާނެ." އަހުސަން ވިދާޅުވި އެވެ.
ރަށަށް ބޭނުންވާ ކެޕޭސިޓީއަށް އިންޖީނު ހޯދުމާއި އިންޖީނު ހަދައި މައްސަލަ ހައްލުކޮށް ކަރަންޓް ދޫކުރުމަކީ ފެނަކައިގެ ޒިންމާއެއްކަމަށްވާއިރު ކަރަންޓް މައްސަލަ ހައްލުނުވެ ދިގުލައިދާތީ ގޭބިސީތަކުގައި ބޭނުންކުރާ އިލެކްޓޯނިކް ސާމާނާ ހަލާކުވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.