twitterviber whatsapp telegramfacebookyoutube instagram
7th April 2025

1.2 މެގަވޮޓްގެ އިތުރު އިންޖީނެއް ކުޅުދުއްފުއްޓަށް ގެނެސްފި

އަބްދުލް ވާހިދު ޙަސަން
Apr 7, 2025

ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިއަދު އެރަށަށް އިތުރު 1.2 މެގަވޯޓްގެ ޖެން ސެޓެއް ގެނެސްފި އެވެ.

ފެނަކަ ކުޅުދުއްފުށީ އޮފީހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ކަރަންޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން 1.2 މެގަވޯޓްގެ އާ ޖެން ސެޓެއް ގެނެސްފައިވާ ކަމަށެވެ.

މެދުނުކެނޑި ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކަ ކުޅުދުއްފުށީ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި މި ލިބުނު ޖެންސެޓާއެކު އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ފެނަކަ ކުޅުދުއްފުށީ އޮފީހުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރު އަހުމަދު މުހައްމަދު ވިދާޅުވީ، މި އިންޖީނަކީ ޕީކް ސީޒަންއަށް ތައްޔާރުވުމުގެ ގޮތުން ގެނައި އިންޖީނެއް ކަމަށާއި ކުޅުދުއްފުށީގައިވެސް ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ.

ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ވަރަށް އިސްކަމެއްދެއްވައި ކަމަށާއި ކަރަންޓްގެ ހާލަތު މުޅިން ހައްލުވެގެންދާނީ އިންޖީނުގޭގެ އާ އިމާރާތް ނިންމާލެވިގެން ކަމަށެވެ. އަދި އެކަމަށް އުތުރު ދާއިރާގެ މެންބަރު ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާކަމުގައި އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އާ އިންޖީނުގެ މަސައްކަތަކީ 2020 ވަނަ އަހަރު 15 މިލިއަން ރުފިޔާއަށް ފެށި މަޝްރޫއުއެއް ކަމަށާއި އެހެންނަމަވެސް 45 މިލިއަން ރުފިޔާ ހަރަދުވެގެންދިއިރުވެސް މަސައްކަތް ނިންމާލެވިފައިވާނުވާކަން އަހުމަދު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރުގެ ޖޫންމަހުވެސް ކުޅުދުއްފުއްޓަށް 1.2 ކިލޮވޯޓްގެ އިންޖީނަކާއި 800 ކިލޯވޮޓްގެ އިންޖީނެއް ގެނެސްފައިވެ އެވެ. އަދި އެ އަހަރުގެ އެޕްރީލްމަހު 600 ކިލޯވޮޓްގެ ދެ އިންޖީނާއި 800 ކިލޯވޮޓްގެ އިންޖީނެއްވެސް ގެނެސްފައިވެ އެވެ.

މި ޖެން ސެޓާއެކު ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނުގެ އަދަދު 11 އަށް އެރީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355