އެއްވެސް އިންޒާރަކާއި ނުލައި ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ މީހުންގެ އާއިލާތައް ބިކަކޮށްލި މައްސަލަ އެ ރަށު ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެކަން ކުއްވެރިކޮށް މާރަންދޫ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ، އެއްވެސް އިންޒާރަކާ ނުލައި 27 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން 13 އާއިލާއެއް މަގުމަތިވެ، ބިކަވެފައިވާ ކަމަށެވެ. މިއީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވެ، ކުށްވެރިކުރާ ކަމެއް ކަމަށެވެ.
ކައުންސިލުން ބުނީ ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ބޮލާލައި ޖެހުމަށްފަހު، މުވައްޒަފުން ވަކިކޮށް އަދި ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގި މި އަމަލަކީ ވަރަށް ފިނޑި، އަދި ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ ކުންފުނިތައް ރައިޓްސައިޒްކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ގިނަ އާއިލާތަކެއްނިކަމެތިކޮށް ހާލުގައި ޖެއްސުމަށްފަހު، ސިޔާސީ ބޮޑެތި މަގާމުތަކުގައި ބޮޑެތި މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައްއުފައްދަމުންދާ ދިއުމަކީވެސް ވަކި ބަޔަކަށް ނާޖާއިޒު ނަފާ ހޯދައިދިނުމަށް ހިންގާ ނާތަހުޒީބު އަމަލެއް ކަމަށާއި މިފަދަ ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން ރައްޔިތުން ބަލިކަށިކޮށް، ރައްޔިތުން އަޅުދާސްތުކުރުމަށްޓަކައި އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެއްކަމަށެވެ.
އެހެންކަމުން، ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކަށް މާރަންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށް، ގޮވާލާފައެވެ.
ސަކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރާ އިދިކޮޅަށް ތާއީދުކުރަމުންދާ މެންބަރުން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން އެމްޑީޕީން ވަނީ ފާޅުކޮށްފައެވެ.
ކުންފުނިތައް ރައިޓް ސައިޒްކޮށް ހަރަދުކުޑަ ކުރުމުގެ ނަމުގައި ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަކިކުރަމުންދާއިރު، ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކަށް ބޮޑެތި ސިޔާސީ މަގާމުތައް އަންނަނީ ދެމުންނެވެ.




