2023-2024 ވަނަ އަހަރު އަފީފުއްދީން ސްކޫލުން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު މުހައްމަދު ނާފިޒް އަބުދުއްސައްތާރު ހޯދައިފި އެވެ.
ރޭ ބޭއްވި އަފީފުއްދީން ސްކޫލްގެ އަހަރީ އިނާމުދިނުމުގެ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހާއްސަ މަގާމުތައް ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު ސޯލިހެވެ.
ސްކޫލުން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި މުހައްމަދު ނާފިޒް ވަނީ ރާއްޖޭގެ ގައުމީ ގަދަ ދިހައެއްގެ ފަސްވަނަ ހާސިލުކޮށްފަ އެވެ. އަދި އެ ދަރިވަރު ވަނީ ސްކޫލް ނިންމާ އިމްތިހާނުތަކުން މުޅި ސްކޫލުން ތިންވަނަވެސް ހާސިލުކޮށްފަ އެވެ.
އެ ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޑިކޭޝަން މިނިސްޓްރީ އަދި ހދ އަތޮޅު ކައުންސިލުން ވަނީ އިނާމާއި ޓްރޮފީ ހަދިޔާކޮށްފަ އެވެ. އަދި ޕީޓީއޭގެ ފަރާތުން 3000 ރުފިޔާ ޗެކެއްވެސް ހަދިޔާކޮށްފަ އެވެ.
އަފީފުއްދީން ސްކޫލުން ގައުމީ ގަދަ ދިހައެއްގައި 11 ދަރިވަރަކުވެސް ހިމެނުނެ އެވެ. އެ ދަރިވަރުންނަށްވެސް ޕީޓީއޭގެ ފަރާތުން ވަނީ ތިންހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅި އެވެ.
- މުޅި ސްކޫލުން އެއްވަނަ: އައިމިނަތު މިންހާ މުހައްމަދު
- މުޅި ސްކޫލުން ދެވަނަ: އައިޝަތު ނަޒާހާ އާދަމް.
- މުޅި ސްކޫލުން ތިންވަނަ: މުހައްމަދު ނާފިޒް އަބުދުއްސައްތާރު.
- މުޅި ސްކޫލުން ހަތަރުވަނަ: އަލީ ރަޔާން އާދަމް
- މުޅި ސްކޫލުން ހަތަރުވަނަ: އައިޝަތު ސަހާ މުހައްމަދު.
- މުޅި ސްކޫލް ފަސްވަނަ: އައިމިނަތު އަމާނާ އަޒީމް.
- މުޅި ސްކޫލް ފަސްވަނަ: އައިމިނަތު ޒަހާ އަދުނާން.
- މުޅި ސްކޫލް ފަސްވަނަ: ސަހާމާ އަބުދުއްސައްތާރު.
- މުޅި ސްކޫލް ފަސްވަނަ: އަލީ އައިހަމް އާދަމް.
ތައުލީމީ ގޮތުންނާއި އިތުރު ހަރަކާތްތަކުގެ ގޮތުން އަދި ހުރިހާގޮތަކުން އެންމެ މޮޅު ނަތީޖާ ހާސިލުކުރި ހައުސްތަކުގެ ކާމިޔާބީވެސް ރޭގެ ޖަލްސާގައި ފާހަގަކުރި އެވެ. އެގޮތުން އިތުރު ހަރަކާތްތަކުގެ ބައިން އެންމެ މޮޅު ހައުސްގެ މަގާމު ހޯސީ އަމީނީ ހައުސް އާއި ފަރީދީ ހައުސް އެވެ.
އަދި އިތުރު ހަރަކާތުގެ ބައިން އެންމެ މޮޅު ހައުސްގެ މަގާމު ގާޒީ ހައުސް ހޯދިއިރު ހުރިހާގޮތަކުން އެންމެ މޮޅު ހައުސްގެ މަގާމު ހޯދީ އަމީނީ ހައުސް އާއި ގާޒީ ހައުސް އެވެ.
ރޭ ކުރިއަށްދިޔަ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެސްކޫލް 63 ދަރިވަރަކު އިނާމު ހާސިލުކުރި އެވެ. މި ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސް އާއި ކޭއާރުއެޗުގެ ސީއީއޯގެ އިތުރުން ގައުމީ ޔުނިވާރސިޓީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ވަރަށް ކުލަގަދަކޮށް ދަރިވަރުންގެ ހުށަހެޅުންތަކާއެކު ކުރިއަށްގެންދިޔަ މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.