twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޕެރަމޯޓާ ދަތުރުގެ ބައިވެރިން ކުޅުދުއްފުއްޓަށް !

Mar 2, 2019

ޕެރަމޯޓާގެ ބައިވެރިން މިއަދު ހަވީރު ކުޅުދުއްފުއްޓަށް އަތުވެއްޖެ އެވެ. ބުރަކަށީގައި ހަރުކޮށްފައި ހުންނަ ބުރަފައްޗެއް ބޭނުންކޮށްގެން ވައިކުޑައިގެ އެހީގައި އުދުހޭ ޕެރަމޯޓާގައި އެ ބައިވެރިން މިއަދު ކުޅުދުފުއްޓަށް އައުމުން ގިނަ ބަޔަކު ވަނީ އެމަންޒަރު ދެކިލުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ.

ހއ ތުރާކުނުން އައްޑުއަށް ދިޔުމަށް ކުރާ މިދަތުރުގައި 10 ޕައިލެޓުން ހަރަކާތްތެރިވަމުންދެ އެވެ. މި ދަތުރު މިއަދު ތުރާކުނު ފެށިއިރު ހަނިމާދޫ އާއި  ހޮނޑާފުއްޓަށް ވަނީ ދަތުރުގެ ބައިވެރިން މަޑުކޮށްފަ އެވެ. ރާއްޖޭގެ ކުންފުންޏެއްކަމަށްވާ “ސްކައި ގައިސް” އިން އިންތިޒާމުކޮށްގެން ބާއްވާ މިހަރަކާތުގެ ބައިވެރިން މިރޭ މަޑުކުރާނީ ކުޅުދުއްފުށީގަ އެވެ. މާދަމާ ހެނދުނު 6 ޖަހާއިރު ކުޅުދުއްފުށިން ނައްޓާލައިގެން މަޑުކުރާނީ ށ ފޭދޫއަށެވެ.

މި ހަރަކާތުގެ ތިން މައިގަނޑު ތިން މަގުސަދެއް އޮތްކަން ހާމަކޮށްދެއްވަމުން މިހަރަކާތުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ކޭއޯއަށް މިރޭ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލައި ޕްލާސްޓިކަށް އާއްމުން ހޭލުންތެރި ކުރުވުން ކަމަށެވެ. އަދި އެކަމަށް މި ހަރަކާތުގެ ބައިވެރިން ދާ  ރަށްތަކުގައި އާއްމުންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން، އުކާލައި ޕްލާސްޓިކަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގާނެކަމަށެވެ.

ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމާއި އެޑްވެންޗާ ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީވެސް މިހަރަކާތުގެ މަގުސަދަކަށްވާއިރު މިހަރަކާތުގެ ތެރެއިން ފަތުރުވެރިކަން އިސްތިހާރުކުރުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގު ސްޕޮންސާކޮށްގެން ކުރިއަށްގެންދާ މިހަރަކާތުގައި ޕެރަމޯޓާ ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ މިކަމުގެ ތަޖުރިބާ ހުރި ބޭރުގެ ޕައިލެޓުންނެވެ. މިގޮތުން އިނގިރޭސިވިލާތާއި ބުރެޒިލް އަދި ޗިލީ ފަދަ ގައުމުތަކުގެ ޕައިލެޓުން ހިމެނެ އެވެ.

ޕެރަމޯޓާގައި މިއަދު ކުޅުދުއްފުއްޓަށް ތިރިކޮށްލަނީ–

 

މި ހަރަކާތުގައި ކޮންމެ ދުވަހަކު 40 ކިލޯ މީޓަރާއި 60 ކިލޯ މީޓަރާ ދޭތެރޭގެ ދުރު މިނަކަށް ދަތުރު ކުރާނެ އެވެ. އެ ހަރަކާތް ނިންމައިލުމަށް އަދި ހަމަޖައްސާފައި ވަނީ މި މަހު 14 ވަނަ ދުވަހު އައްޑު އަށެވެ. ގާތްގަނޑަކަށް 500 ފޫޓާއި 1000 ފޫޓާ ދޭތެރޭގެ އުސް މިނެއްގައި އުދުހޭއިރު މުޅި ހަރަކާތުގައި 24 ރަށަކަށް ދިއުމަށް ވަނީ ނިންމާފަ އެވެ.

މިދަތުރުގެ ބައިވެރިން ދިޔުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ތުރާކުނު، ހަނިމާދޫ، ހޮނޑާފުށި، ކުޅުދުއްފުށި، ފޭދޫ، އިނގުރައިދޫ، ރީތި ބީޗު ރިސޯޓް، ފުޅަދޫ، ތުލުސްދޫ، މާފުށި، އެކުއަރ ސަން، މަހިބަދޫ، ދިގުރަށް، މަގޫދޫ، ކުޑަހުވަދޫ، ބުރުނީ، ހަންޏާމީދު، ރޮބިންސަން ކުލަބު، ވާދޫ، ގެމަނަފުށި، ފޯއްމުލަކު އަދި އައްޑޫ ސިޓީ އެވެ.

މިއީ މިފަދަ ހަރަކާތެއް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355