twitterviber whatsapp telegramfacebookyoutube instagram
29th July 2025

ބައްދަލުވުމުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު އިތުރުކޮށް ބައިވެރިވާ ރައްޔިތުންގެ އަގު ވަޒަންކުރުމަށް އިނާމުދެނީ

އަބްދުލް ވާހިދު ޙަސަން
Jul 29, 2025

ރައްޔިތުންގެ ބައްދަލުވުމުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު އިތުރުކުރުމާއި، ބައިވެރިވާ ރައްޔިތުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިނާމުދޭން ނިންމައިފި އެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ސިޓީ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫއުތައް ހިއްސާކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މިމަގެ 30 ވަނަ ދުވަހު ރޭ 20:45 ގައި އަފީފުއްދީން ސްކޫލްގެ ހޯލުގަ އެވެ.

ބައްދަލުވުމުގެ ދައުވަތު ރައްޔިތުންނާ ހިއްސާކޮށް ސިޓީ ކައުންސިލުން ބުނީ، މިފަހަރުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން އަގުހުރި އިނާމުތަކެއް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ 12 ފަރާތްތަކަށް އިނާމު ލިބިގެންދާނެ އެވެ.

ގާނޫނުން ލާޒިމުކުރާ މި ބައްދަލުވުންތަކުގައި އެކަށީގެންވާ ވަރަށް އާންމުން ބައިވެރިނުވުމަކީ މޭޔަރާއި ކައުންސިލަރުންގެ ކަންބޮޑުވުމެކެވެ. މިފަދަ ބައްދަލުވުންތަކުގައި ރަށުގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ހިޔާލުދީ މަޝްވަރާކުރުމުގެ ފުރުސަތު ގާތުން ލިބި އެވެ. އަދި މޭޔަރާއި ކައުންސިލަރުންނާ ސުވާލުކުރުމުގެ ފުރުސަތުވެސް އާންމުންނަށް ލިބި އެވެ.

މި ކައުންސިލް ފާހަގަކުރެވެނީ ލާމަރުކަޒީ ގާނޫނުން ލާޒިމުކޮށްފައިވާ ރައްޔިތުން ބައްދަލުވުންތައް ގަވައިދުން ބާއްވަމުން އަންނަ ކައުންސިލެއްގެ ގޮތުގައި އެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ ޝަކުވާތަކާއި ހިޔާލުތައް އަޑުއެހުމަށް ކޮންމެ ހޯމަދުވަހެއްގެ 'ރައްޔިތުން އަޑު ގާތުން' ކިޔާ ބައްދަލުވުމެއްވެސް އާންމުންނަށް ހުޅުވާލާފައި އޮވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355