ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ކުރިއަށް އޮތްތަނުގައި އިތުރަށް ރަނގަޅުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސްގައި ވާހަކަފުޅުދައްކަވަމުންނެވެ،
ޖޮއިންޓް ޕްރެސްގައި ރައީސް މުއިއްޒު ވިދާޅުވީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެއް ކަމަށާއި، ލަންކާ ރައީސާއެކު ބޭއްވެވި މަޝްވަރާތަކުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެއްބަސްވެވުނުކަމަށެވެ.
ރައީސް ވިދާޅުވީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރަމުންދާ ގައުމެއް ކަމަށާއި އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައިވެސް ލަންކާގެ ޓީޗަރުން މުހިއްމު ދައުރެއް އެބައޮތްކަމަށެވެ. އެހެންކަމުން މީހުން ތަމްރީނުކުރުމުގެ އިތުރުން ލަންކާއާއި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު ގުޅުން ބަދަހިކުރަން ދެ ޤައުމުންވެސް އެއްބަސްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ލަންކާގެ ރައީސާއެކު މަޝްވަރާކުރެވުނު އެހެން ކަންކަމަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނުކަމަށް ރައީސް ވިދާޅުވި އެވެ.
ސްރީލަންކާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބަދަލުކުރަމުން އަންނަ ދެ ޤައުމެވެ. ރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ލަންކާގެ ރައީސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާއި ގުޅޭ އެމްއޯޔޫއެއްގައި އާއި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުއާހަދާއެއް ވަނީ ސޮއިކޮށްފައެވެ