ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕާކިސްތާނުގެ ސަރުކާރުން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ޕާސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި ސަރުކާރުގެ އިސްވެރިން ރައީސަށް މަރުހަބާ ދެންނެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތަށް ފަހު ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ވަނީ ރައީސް އާއި އެމަނިކުފާނާއެކު ވަޑައިގަތް ވަޒީރުންގެ ވަފުދާ ބައްދަލު ކުރައްވައިފަ އެވެ.
ދެން އޮންނާނީ ދެ ގައުމު ދެމެދު ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދެވުމާއި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް 20 އެމްއޯޔޫއެއްގައި ސޮއިކުރުމެވެ. އެއަށް ފަހު ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހްބާޒުގެ ގުޅިފައިވާ ބަޔާން ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރޭގެ ވަގުތެއްގައި ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގަތުމުން އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ވަނީ ހޫނު މަރުހަބާއެއް ދަންނަވައި އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވެސް އެރުވައިފަ އެވެ.
ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ވަޑައިގެންނެވީ 10 އަހަރު ފަހުންނެވެ. އެންމެ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ކުރިން އެފަދަ ދަތުރެއް ކުރެއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އެމަނިކުފާނު ވަޑައިގެންނެވީ އެ ގައުމުގައި އޮތް ސާކް ސަމިޓުގެ ބައްދަލުވުމަކަށެވެ.