twitterviber whatsapp telegramfacebookyoutube instagram
19th October 2026

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހުން ޑްރަގަަށް ޕޮޒިޓިވް

Oct 18, 2026

ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަން ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ގަސްތުގައި ޖެއްސި މައްސަލާގައި ހައްޔަރުުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުނެފި އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ހަތަރު މީހުންވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ އުއްދަޑިމާގެ / ހދ. ކުޅުދުއްފުށި، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) އާއީ މަލަ / ކ. ގާފަރު، އަޙްމަދު ސިނާޒް (30އ) ގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

މި މީހުންގެ ތެރެއިން ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤަކީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށާއި އަޙްމަދު ސިނާޒް އަކީ އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ،

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ވަނީ ޗެކް ޕޮއިންޓުގައި ޖަހާފައި ހުރި ބެރިކޭޑުގައި ޖެހި، އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައެވެ.

މި ހާދިސާގައި އެ އޮފިސަރުގެ މޫނުމައްޗަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި ފުލުސް އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293