twitterviber whatsapp telegramfacebookyoutube instagram
18th October 2026

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Oct 18, 2026

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކޮށް ހިންގަން ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، ކުންބުއްޓި ކުޅިމަތި މަގާއި ދަނޑުމަގާ ގުޅޭ ކަން ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ރެސްޓޯރެންޓް ތަރައްގީކުރަން ދޫކުރަން ހަމަޖެހިފައިވަނީ 6000 އަކަފޫޓްގެ ސަރަހައްދެއް، 25 އަހަރަށެވެ. 6000 އަކަފޫޓްގެ ބިމެއް ކަނޑައެޅިނަމަވެސް އިމާރާތްކުރެވެނީ 3000 އަކަފޫޓްގެ ސަރަހައްދެއްގަ އެވެ.

މިއީ އެއާޕޯޓް ސަރަހައްދުން ހިތްފަސޭހަ މާހައުލެއްގައި ފެންވަރު ރަނގަޅު ކާބޯތަކެތީގެ ހިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ އިގްތިސޯދީ ދުވެލި ހަލުވިކުރުމުގެ މަގުސަދުގައިކަމަށް ކައުންސިލުން ބުނެ އެވެ.

އަދި މީގެ އިތުރުން އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމެވެ.

ރެސްޓޯރެންޓް އިމާރާތުގެ ކޮންސެޕްޓް އެކުލަވާލަންވަނީ އެ ސަރަހައްދުގެ ގުދުރަތީ ވެއްޓާއި ގަސްގަހާގެހި ވިހާވެސް ބޮޑަށް ހިމާޔާތްކޮށް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އަދި އެ ސަރަހައްދުގެ ވެއްޓާ ގުޅޭ ގޮތަކަމަށެވެ.

އެހެންވުމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރުމަހުގެ ދެވަނަ ދުވަހުގެ 10:30 ގައި އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

އެއާޕޯޓް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކުރަން ބިން ދޫކުރަން ފުރަތަމަ ނިންމީ މިދިޔަ ދައުރުގެ ކައުންސިލްގައި އެވެ. އެހެންނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ދައުރުގެ ފަހު އަހަރު ބިން ކުއްޔަށް ނުދެވޭ ގޮތަށް ސަރުކާރުން ބަދަލުކުރުމުން އެކަން ނުވީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293