ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާ ދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ރައީސް އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދު 12 އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި އިންވެސްޓްމެންޓާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ތިމާވެއްޓާއި ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން ދާއިރާ އަދި އަސްކަރީ ދާއިރާ ހިމެނޭ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ދިވެހި ދައުލަތުގެ ވެރިއަކު އެންމެ ފަހުން ޕާކިސްތާނަށް ވަޑައިގެންނެވީ 2015 ވަނަ އަހަރެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އެ ގައުމަށް ކުރެއްވި ތިން ދުވަހު ރަސްމީ ދަތުރުފުޅެވެ. އޭގެ ކުރިން 2004 އެ ގައުމުގައި އޮތް ސާކް ސަމިޓްގެ ބައްދަލުވުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަޑައިގަތެވެ.




