ދެ ސައިކަލް ޖެހި ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މިއަދު މެންދުރުފަހު 2:00 އެހާއިރު ހިނގި މި އެކްސިޑެންޓްގައި އެ ވަގުތު ސައިކަލްގައި ތިބި ތިން މީހުންވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
މި އެކްސިޑެންޓް ހިނގީ އަމީނީމަގުން އުތުރަށް ދުއްވާދިޔަ ސައިކަލެއް ދިނަށަ ގޯޅިއަށް އަޅަން އުޅުމުގެ ތެރޭގައި އެ ވަގުތު އަމީނީމަގުން ދެކުނަށް ބާރު ސްޕީޑްގައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
ސޮޑާގެ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި އެއް ސައިކަލްގައި ތިބީ 20 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަނެއް ސައިކަލް ދުއްވަން އިނީ 32 އަހަރުގެ އަންހެނެކެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ، 20 އަހަރުގެ މީހާގެ މޫނު މައްޗަށް އެކި ވަރުގެ އަނިޔާ ލިބުނުއިރު 32 ދެ އަހަރުގެ އަންހެން މީހާގެ ފައިގެ ފަލަ މަސްގަނޑު ހިސާބުން ބިނދައިގެން ގޮސްފައިވާ ކަމަށެވެ. މި ދެ މީހުންނަށްވެސް ފަރުވާ ދެމުންދަނީ އެޑްމިޓްކޮށްގެން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
17 އަހަރުގެ މީހާއަށް ކުދި އަނިޔާތައް ލިބުނުއިރު އެ ކުއްޖާއަށް ފަރުވާދެމުންދަނީ އީއާރުގައި ބާއްވައިގެން ކަމަށްވެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. އަދި މިވަގުތު އެއްވެސް މީހަކު ވެންޓިލޭޓަރަށް ލައިގެން ފަރުވާ ނުދޭކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
މި އެކްސިޑެންޓްގައި ސައިކަލްތަކަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައްވެފަ އެވެ.




