twitterviber whatsapp telegramfacebookyoutube instagram
15th October 2026

އަމާޒަކީ ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓް ނުކޮށް، ރާއްޖޭގައި އުފެއްދުން: ރައީސް

ނަބީލާ އިސްމާޢީލް
Oct 15, 2026

ސަރުކާރުގެ އަމާޒަކީ އިމްޕޯޓްކުރުމާ ނުލައި، ކާބޯތަކެތި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ގައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭ،". ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނޭ ކަމެއް ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާ ނުލައި، މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

"މި ރޮނގުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އަޅުގަނޑުގެ އަޒުމެއް. ދަނޑުވެރިންގެ ދުވަހު އުފާވެރި މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތައް އަދި މިސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި ހެޔޮ އެދުން، އިހުލާސްތެރިކަމާއެކު ދަންނަވަން،". ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293