އަންހެން ކުދިންނާއި އަންހެން ޒުވާނުން ބާރުވެރި ކުރުވައި މުސްތަގުބަލުގައި ގައުމުގެ ލީޑަރުންނަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އަންހެން ކުދިންގެ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ބައިވެރިވާ ކަމަށާއި އަންހެން ކުދިންނާއި ޒުވާން އަންހެނުން ގާބިލް ކަން ދައްކުވައިދީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ސަރުކާރުން އިސްކަން ދޭ ކަމަށެވެ.
އެގޮތުން ރައްކާތެރި އަދި އެއްބާރުލުން ލިބޭ މާހައުލެއް ގާއިމް ކުރުމާއި ގައުމީ ތަރައްގީގައި އެ ކުދިންނަށް އަމަލީގޮތުން ބައިވެރިވެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކޮށް ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެފަދަ އަމާޒުތަކަށް ވާސިލުވެވޭނީ މުޅި މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. އެގޮތުން އާއިލާތަކާއި މުޖުތަމައުގެ ފަރުދުންގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މިކަމަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.