twitterviber whatsapp telegramfacebookyoutube instagram
13th October 2026

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނަމާދު ޕްރޮގްރާމަށް ބޮޑު ތަރުހީބެއް، ބައިވެރިވުމުގެ ސުންގަޑި މިއަދު ހަމަވާނެ

Oct 13, 2026

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބޭއްވުމަށް ހަމަޖެހުފައިވާ ނަމާދު ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު މިއަދު 14:00 އަށް މުއްދަތު ހަމަވާނެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިސްމާއިލް އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ނަމާދަށް ލޯބިޖައްސައި ނަމާދުކުރާ ބަޔަކު އުޅޭ މުޖުތަމައެއް ބިނާކުރުމާއި ނަމާދުގެ މުހިންމުކަން އަންގައިދިނުމުގެ މަގުސަދުގައި 3 ދުވަހުގެ މުއްދަތައް ހިންގަން ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި މައުލޫމާތު ދެއްވާނީ އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ބައިވެރި ވުމުގެ ތަރުހީބު ރަނގަޅު ކަމަށާއި މިހާރުވެސް 160 އަށްވުރެއްގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ބޮޑެތި މީހުންގެ މަރުހަލާއިން އިތުރު ޖާގަ ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

4 އުމުރުފުރާ އަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި ހިމެނެނީ، މަރުހަލާ 1 (ކޮކާ ސްޓޭޖް) 7 އަހަރާއި 10 އަހަރާއި ދެމެދު، މަރުހަލާ 2 (ފުރާވަރު) 10 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާގެ އިތުރުން މަރުހަލާ 3 (ޒުވާން ޢުމުރު) 15 އަހަރާއި 18 އަހަރާއި ދެމެދު އަދި މަރުހަލާ 4 (ބޮޑެތި މީހުން) 18 އަހަރުންމަތިގެ އުމުރުފުރާ އެވެ.

ކޮންމެ ކެޓަގަރީއަކުންވެސް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ 30 ބައިވެރިންނަށެވެ. މި ޕްރޮގުރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދު 14:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

" ކުރިން މި ހަފްތާ ބުރާސްފަތީގައި ޕްރޮގުރާމް ފެށުމަށް ހަމަޖެނު ނަމަވެސް މިނިސްޓްރީން އަންނަން ތިއްބެވި ފަރާތްތަކަށް އެ ތާރީހަށް ދުރު ނުވެވޭތީ މި މަހުގެ ފަހުކޮޅަށް މިހާރު ޕްރޮގުރާމް ބަދަލުކޮށްފައި ވާނީ" އިސްމާއިލް އިތުރަށް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މި ނޫނަސް އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކައުންސިލުން ގިނަ ހަރަކާތްތަކެއް މިހާރުވެސް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ރިސަާލަތު ޕްރޮގުރާމް، ހަފްތާ މަގުރިބް ދަރުސް ޕްރޮގުރާމް، ފަދަ ޕްރޮގުރާމްތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293