ކުޅުދުއްފުށި ކަރަންޓުގެ ހިދުމަތާއި ރަސްމީކޮށް ސްޓޭޓް އެލްކްޓްރިކް ކޮމްޕަނީ (ސްޓެލްކޯ)އިން ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން ކުޅުދުއްފުށިގެ ކަރަންޓުގެ ހިދުމަތާއި ރަސްމީކޮށް ހަވާލުވުމަށް ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާއިޝަތު މުޒްނާ އެވެ.
ދިދަ ނެންގެވުމަށް ފަހު މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ހިދުމަތްތައް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ.
ސްޓެލްކޯއިން ދަނީ ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ހިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާއި ފަހަރަކު ރަށަކުން ރަސްމީކޮށް ހަވާލުވަމުންނެވެ.
އެގޮތުން މިހާރު ހއ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތަކާއި ހަވާލުވެފައިވާއިރު، މީގެ ކުރިން ވަނީ އައްޑޫގެ ކަރަންޓު ހިދުމަތާއިވެސް ހަވާލުވެފައެވެ.
ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ހަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަމާޒުގައެވެ.




