ޓެކްނޮލޮޖީ ދާއިރާ އަށް ހާއްސަ އިންޓާންޝިޕްގެ 25 ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނީ ޒުވާން ދިވެހިންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫން ވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ އެ ފުރުސަތުގެ ތެރެއިން އެ ކުންފުނީގައި އެއް އަހަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ބީއެމްއެލްގެ މަޝްރޫއުތަކުގައި ބައިވެރިވުމާއި ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސް ކުރަން ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު 11،000ރ. ގެ އެލަވަންސާއި ރޯދަ އިނާޔަތުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ފުރުސަތަށް ކުރިމަތި ލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށް ކަމަށާއި އެ ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްތަކުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ވަނީ ތަމްރީން ފުރިހަމަ ކޮށްފަ އެވެ. އޭގެ ތެރެއިން 60 ޕަސެންޓު ބައިވެރިންނަކީ އެ ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ވަނީ ވެފަ އެވެ.




