މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ އަލަށް ޗާޕްކޮށްގެން ގެނައި 5ރ. ގެ ނޫޓް ދައުރު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ. މި ނޫޓްގައި ސޮއި ކުރައްވާފައި ވަނީ މިހާރުގެ ގަވަރުނަރު މުހައްމަދު މުނައްވަރެވެ، އަދި އާ ނޫޓްގައި ހިމެނޭ ތާރީހަކީ ޖުލައި، 31، 2025 އެވެ.
އެމްއެމްއޭ އިން ބުނީ މާދަމާ އިން ފެށިގެން 5ރ. ނޫޓްގެ އާ ޗާޕް ބޭނުން ކުރަން ފެށި ނަމަވެސް މިހާރު ވެސް އިގުތިސާދުގެ ތެރޭގައި ދައުރުވަމުން އަންނަ 5ރ. ގެ ނޫޓް ބޭނުން ކުރަމުން ދާނެ ކަމަށެވެ.
މީގެ ކުރިން ވެސް ރުފިޔާގެ ބައެއް ނޫޓްތައް އެކި ފަހަރު މަތިން ޗާޕްކޮށްފައިވެ އެވެ. އެއީ ނޫޓްތައް މަދުވެގެންނާއި ބާވުމުގެ ސަބަބުންނެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ 2016 ގައި ތައާރަފުކުރި ރަންދިހަ ފަހެއް ނޫޓް ސީރީޒެވެ. މިއީ ސެކިއުރިޓީ ފީޗާތައް ވަރުގަދަ ޕޮލިމާ ނޫޓެވެ.
ރާއްޖޭގެ ފައިސާ ނޫޓަކީ ދުނިޔޭގައި އެންމެ ރީތި އެއް ނޫޓެވެ.




