twitterviber whatsapp telegramfacebookyoutube instagram
10th February 2026

ހަތް އަހަރު ކުރިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ކުޅުދުއްފުށީ މީހެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ނަބީލާ އިސްމާޢީލް
Feb 10, 2026

މީގެ ހަތް އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު އަނިޔާތަކަކާ ގުޅިގެން މީހަކު 115،200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ ހދ. ކުޅުފުއްފުށި، ރަސްރީތު، އަލީ މުހައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް "އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ" އުފުލާފައިވަނީ އޭނާ ދުއްވި ސައިކަލަކުން އެހެން މީހެއްގެ ގައިގައި ޖެހި އެމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ މައްސަލައިގައެވެ.

އޭނާގެ މައްޗަށް އެ ދައުވާކުރީ ޖޫން 26، 2018 ވަނަ ދުވަހުގެ ދަންވަރު އެކެއް ޖަހާކަށް ހާއިރު، ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާގެ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުން އެ ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވުމުންނެވެ. އެ ސައިކަލު ދުއްވަން އިން ށ. މަރޮށި، އައްސޭރި، އިބްރާހިމް ވަސީމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އަލީ މުހައްމަދު ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. އަދި އެއީ އަމިއްލަ އިހުތިޔާރުގައި ހެދި އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިއުތިރާފުގެ އެއްބަސްވުމަށް ބަލާއިރު، އޭނާގެ މައްޗަށް ކަނޑައެޅޭނެ އަސްލީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް، 115،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

އިއުތިރާފުގެ އެއްބަވުމެއް ހަދާފައިވުމާއެކު، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުން މައްސަލަ ބެއްލެވި ގާޒީ، އިބްރާހިމް އިހުސާން ހުކުމް ކޮށްފައިވަނީ އޭނާގެ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް އެ ފައިސާ 24 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355