ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި ހައްޔަރުކުރި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދަށް ކޯޓުން 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޒިހާން ހައްޔަރުކުރީ ފުވައްމުލަކުގައި ހުއްޓަ އެވެ. އޭނާގެ ބަންދަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ޒިހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށާއި، އެ ތަންތަނުގައި ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، 10-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.