ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލަން ޖީއެސްޓީގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.
ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޖީއެސްޓީ ނަގަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު 31 ވަނަ ދުވަހެވެ. ނަމަވެސް މި މަހުގެ 1 އިން ފެށިގެން އެ ގާނޫނަށް އަމަލު ކުރަން ފެށި އިރު، ޓޫރިޒަމް ދާއިރާ އިން ބޮޑެތި ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.
އެހެންވެ އެ ޓެކްސް ނެގުން ހުއްޓާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ސަރުކާރުން ހާމަކުރީ މި މަހުގެ 3 ގަ އެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމްދީދީ އެވެ. އެ ބިލުގައި ހިމަނާފައި ވަނީ ބޭރު ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ހިމަނާފައިވާ ހުރިހާ މާއްދާއެއް އުނިކުރުމަށެވެ.
ޓެކްސް ނަގަން ޖެހޭ ގޮތަށް ކުރިން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަނީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރާށެވެ.
އެ ބިލް އޭރު ފާސްކުރީ އެގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އަދި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ.




