twitterviber whatsapp telegramfacebookyoutube instagram
19th October 2026

މެންބަރުންގެ އިންޝޫރެންސް ކަނޑާލައިގެން ދައުލަތަށް ވާނީ ގެއްލުން: ޕީއެންސީ މެންބަރުން

މޫސާ އަލީ
Oct 19, 2026

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އިންޝޫރެންސް ކަނޑާލައިފި ނަމަ ދައުލަތަށް ލިބޭ ގެއްލުން ބޮޑު ވާނެ ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މެންބަރުން މިހެން ވިދާޅުވީ އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަަށް ލިބޭ އަގު ބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

އާންމުންގެ 7225 މީހުން ސޮއި ކޮށްފައިވާ އެ ޕެޓިޝަންގައިވާ ގޮތުން މެންބަރުންނާއި މެންބަރުންގެ އާއިލާ އަށް އުމުރު ދުވަހަށް ދައުލަތުން އިންޝޫރެންސް ދޭން ޖެހުމާ ގުޅިގެން ދައުލަތަށް ބޮޑު ގެއްލުމެއް ލިބެ އެވެ. އަދި އެ ފަރާތްތަކަށް ދޭ އިންޝޫރެންސްގެ ތެރޭގައި ރާއްޖެއިން ބޭރުގެ ބޮޑެތި ގައުމުތަކުގައި ބޭސްފަރުވާ ދައުލަތުން ހަމަޖައްސަން ޖެހެ އެވެ.

އެކަމަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މަޖިލިސް މެންބަރުންނަށް އިންޝޫރެންސްގެ ގޮތުގައި ދައުލަތުން ހަރަދު ކުރަނީ މެންބަރަކަށް އަހަރަކު 24،000ރ. ކަމަށެވެ. އާސަންދަ އިން އެ ހަރަދުތައް ކުރާ ނަމަ އެއްވެސް ލިމިޓެއް ނެތި އެތައް މިލިއަނެއް އެންމެ މީހަކަށް ވެސް ކުރަން ޖެހިދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

އެހެންވެ މެންބަރުންނަށް މިހާރު މި ދޭ އިންޝޫރެންސްގެ ސަބަބުން ދައުލަތަށް ވާނީ މާލީ ގޮތުން ފައިދާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޕެކޭޖު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނަގާފައި އޮތުމުން ދައުލަތަށް ރައްޔިތުންނަށް ފައިދާ ބޮޑީ. އޭގެ މާނައަކީ ދައުލަތުގެ އާސަންދަ ތެރެއިން ހަރަދު ކުރާކަށް ނުޖެހޭ." ފަލާހު ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުވި ނަމަވެސް މަޖިލިސް މެންބަރުންނަށް ލިބޭ އިންޝޫރެންސްގެ އިތުރުން އާސަންދަ އިން ވެސް އެ ފަރާތްތަކުގެ ބޭސްފަރުވާ އަށް ހަރަދު ކުރެ އެވެ.

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވަނީ ރާއްޖޭގެ މަޖިލީހާއި އިންޑިއާގެ މަޖިލިސް މެންބަރުންނަށް ލިބޭ އިނާޔަތްތަކާ އަޅައި ކިޔައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަޖިލިސް މެންބަރުން ކަރަންޓާއި ފެން ބިލް އެބަ ދައްކާ ކަމަށާއި އިންޑިއާގައި މެންބަރުންގެ ކަރަންޓު ބިލާއި ފެން ބިލާއި އިންޓަނެޓާއި ފޯނު ބިލު ވެސް އެ ގައުމުގެ ދައުލަތުން ދައްކާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މަޖިލިސް މެންބަރުންނަށް އެ ނުލިބޭ ކަމަށް ދީދީ ވިދާޅުވި އެވެ.

"މި [ޕެޓިޝަނަކީ] ފިތުނަފަސާދަ އުފެއްދުމަށް ވައްދައިގެން އުޅޭ އެއްޗެއް. މިވަގުތު ރައްޔިތުން މިގޮތަށް ގަބޫލިއްޔާ ހުރިހާ ރައްޔިތުން އާސަންދަ އިން ކެނޑިގެން އިންޝޫރަންސް ޕެކޭޖެއްގަ ޖެހެންވީ." އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެ އެވެ.

އޭގެ އިތުރުން މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އެހެންވެ މަޖިލިސް މެންބަރުންނާއި މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކާއި އެ މީހެއްގެ އާއިލާ އަށް ދައުލަތުން އުމުރު ދުވަހަށް އިންޝޫރެންސް އަށް ހަރަދު ކުރަން ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293