ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދި ޖާޒީ މިއަދު ދައްކާލައިފިއެވެ.
ޖާޒީ ފަރުމާކުރުމުގެ މުބާރާތަށް ހުށަހެޅުނު ސަތޭކައަށްވުރެ ގިނަ ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ ފަރާތުން އެންމެ މަތިން މާކްސް ހޯދާ މުބާރާތުން އެއްވަނަ ހޯދީ ޝާޒިފް އާދަމްއެވެ.
ޝާޒިފް އަކީ ވަރަށް ހުނަރުވެރި އަދި ފަރުމާކުރުމުގެ ދާއިރާގައިވެސް ނަންވިދާލާފައިވާ ޒުވާނެކެވެ. ޖާޒީ ފުރަތަމަ ފަހަރަށް ބޭނުންކުރާނީ މިހާރު ނޭޕާލްގައި ހިނގަމުންދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާ ދެކޮޅަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމް ކުޅޭ މެޗުގައެވެ.
ރާއްޖޭގެ ހޯމް ޖާޒީ ފަރުމާކުރުމަގައި ޝާޒިފް އަސްލަކަށް ބަލާފައިވަނީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ ‘ރެޑް ސްނެޕަރ’ ނުވަތަ ރަތްމަހެވެ. މިއަދު ދައްކާލި ޖާޒީތަކުގައި ރަތްކުލައިގެ ހޯމް ޖާޒީ އާއި ނޫކުލައިގެ އަވޭ ޖާޒީވެސް ހިމެނެއެވެ. އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައިވަނީ ކަނޑުގެ ރާޅުތަކެވެ.
ޖާޒީ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ޝާޒިފްއަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ 25،000 ރުފިޔާގެ އިނާމެއް ދީފައެވެ.