ރަށުގެ ކުރިމަގު ބައްޓަންކުރަން ރައްޔިތުންނަށް ލިބޭ މިފުރުސަތު ނަގާނުލައި ވޯޓް ދެއްވުމަށް ދާއިރާގެ ރައްޔިތުންގެ އަރިހުން ކުޅުދުއްފުށީ އުތުރުދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް ޔާސިރު އަބުދުލް ލަތީފް އެދިވަޑައިގެންފިއެވެ.
ރޭ ޔާސިރު ބޭއްވި ކެމްޕެއިން އިވެންޓެއްގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން ވިދާޅުވީ ރައްޔިތުން މަޖިލީހަށް އިންތިހާބުކުރުމަށް ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދާއިރާގެ ރައްޔިތުންނަށް ލިބޭ ފުރުސަތެއްކަމަށާއި މިފުރުސަތުގެ ބޭނުންހިފާ ތިބޭފުޅުން ރަނގަޅަށް ވިސްނަވާ ރަށު ކުރިމަގު ބައްޓަން ކުރުމަށް އިހުލާސްތެރިކަމާއެކު ވޯޓް ދެއްވުމަށެވެ.
ޔާސިރު ވިދާޅުވީ ވާހަކާގައި ރަށުގެ ތައުލީމީ ދާއިރާ ކުރިއަރުވައި ޒަމާނީ ވަސީލަތްތައް ގާއިމުކޮށް، މަގުތައް ހެދުމާއި ހޮސްޕިޓަލްގެ ތަރައްގީ އާއި އެއާޕޯޓްގެ ވާހަކައާ ޒުވާނުންނަށް ހުރި ފުރުސަތުތައް ހޯދަން ވަކާލާތުކުރައްވާނެކަމަށެވެ. އެ ތަރައްގީ ގެނެސްދެވޭނީ ސީދާ ސަރުކާރުގެ ކެނޑިޑޭޓަކަމަށް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑު ދެކޭގޮތުގައި ހަމަޔަގީނުންވެސް އެންމެބޮޑު ތަރައްގީއެއް ގެނެވޭނީ ސަރުކާރުގެ ތެރެއިންކަމަށާއި މަޖިލީހަށް ބޭފުޅަކުވެސް ފޮނުވިދާނެ ވަކާލާތުވެސް ކޮށްފާނެ. އެހެންނަމަވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތެރޭގައި ސަރުކާރަށް އެއްބާރުލުން ދޭތަނެއް ނުފެނޭ. މިއަދުގެ ސަރުކާރާ ގުޅުން ބޮޑުވެ ކަންކަން ނިންމުމަށް ބާރުލިބިގެންދާނެކަމަށް" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ މިދާއިރާއިން ވަރަށް ގިނަ ގޭގެއަށް ވަދެ ރައްޔިތުންނާ ބައްދަލުކުރެވިފައިވާ ކަމަށާއި މަޖިލީހުގެ މެމްބަރުންނާ ދޭތެރޭ ރައްޔިތުން ދެކޭ އުންމީދު ވަރަށް ބޮޑަށް ގެއްލިފައިވާކަން ރައްޔިތުންގެ ފަރާތުން ހާމަވެފައިވާ ކަމަށެވެ. ރައްޔިތުންގެ އުންމީދުތައް ހާސިލުކުރާނެ ކަމަށާއި ހުރިހާ ރައްޔިތުންވެސް މާދަމާ އޮންނަ އިންތިހާބުގައި ވޯޓްލާން ދިނުމަށް ޔާސިރު ވަނީ އެދިލައްވާފަ އެވެ.