twitterviber whatsapp telegramfacebookyoutube instagram
2nd August 2025

ކުޅުދުއްފުށީގެ ހަނިގޯޅިތައް ހިމެނޭ ބައެއް ސަރަހައްދުތަކަކީ ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ތަރައްގީކުރުމަކީ ވިސްނުމެއް: އާތިފް

މިކަން އަޅުގަނޑުމެން ތަންފީޒުކުރާނީ ރައްޔިތުން އެކަމަށް ރުހޭކަމަށްވާނަމަ. އަދި އެ ސަރަހައްދުގެ ރައްޔިތުން އުފަލާއެކު ބަލައިގަންނަކަމަށްވާނަމަ. އަޅުގަނޑަށް ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް ކުޑަކުދިން ނިކުމެ އެމަގުތަކުގައި ދުވެލައި ކުޅެލައި ހެދޭނެ.

އަބްދުލް ވާހިދު ޙަސަން
Aug 1, 2025

ދުނިޔޭގެ ޒަމާނީ ސިޓީތަކާ އެއްގޮތަށް ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަކީ ހިނގާފައި އުޅޭ (ޕެޑަސްޓްރިއަން) ސަރަހައްދުތަކަކަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތަހުޒީބީ ޒަމާނީ ސިޓީތަކުގެ ބައެއް ސަރަހައްދުތަކަކީ ހަމައެކަނި ފައިމަގުގައި އުޅޭ ސަރަހައްދުތަކެއް ގޮތުގައި އަންނަނީ ކަނޑައަޅަމުންނެވެ. އެހެންވުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީގޮތުން އަދި ރައްކާތެރިކަމުގެ ގޮތުންވެސް ބޮޑުތި ހެޔޮބަދަލުތަކެއް އެފަދަ ސިޓީތަކުން އަންނަނީ ފެންނަމުންނެވެ.

ބުދަދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރަށުގެ ބައެއް ސަރަހައްދުތަކަކީ ހަމައެކަނި ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ހެދުމަކީ ސިޓީ ކައުންސިލްގެ ވިސްނުމެއް ކަމަށާއި އެހެންނަމަވެސް އެގޮތަށް އެކަން ކުރާނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުން ރުހޭ ކަމުގައިވާނަމަ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ރަށުގައި އެންމެ ފުރަތަމަ އާބާދުވިކަމަށް ބުނާ ތިން ސަރަހައްދު. ވަރަށް ހަނި ގޯޅިތަކެއް ހުރީ. އަދި މިހާރު އެހުރި ވެލިމަގުތަކުގައި އެމަގުތަކަށް ވެލިއަޅަން ދުއްވާ އެއްޗެއްވެސް ނުވެއްދޭ. އަދި އެ މަގުތަކުން ޗަކަ ނެގުމަށް ވަރަށް ދަތި. އަދި އެ މަގުތަކުގައި ދިރިއުޅޭ ރައްޔިތުން ބިމުގެ އަގުވެސް ވަރަށް ބޮޑަށް ދަށް. އެއީ ގުދަނެއް އަދި ފިހާރައެއް ހަދަންވިޔަސް ބޭނުމެއް ނުކުރޭ ހިމަ މަގުތަކެއް." އާތިފް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ވިސްނުމަކީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން ރުހޭކަމަށްވާނަމަ އެކަން ކުރުމަށްކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކުގެ މަގުތަކުގައި ކައުންސިލްގެ ހަރަދުގައި ގާއަތުރައި ހިތްގައިމު މަގުތަކެއްގެ ގޮތުގައި ތަރައްގީކުރުމަށެވެ. އަދި އެ ސަރަހައްދުން ބޮޑު މަގަކަށް އެކްސެސް ވެވޭ ގެޔެއްގެ ބަޔަކު ރުހޭނަމަ އެގެ ބަދަލުކޮށްފަ އެ ސަރަހައްދުގެ އެންމެންގެ ޕާރކިންގ އެތަންތަނުން ލިބޭނެ ގޮތް ހެދިގެންދާނެކަމުގައި މޭޔަރު އާތިފް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ވިސްނުމެއް މިކަން އަޅުގަނޑުމެން ތަންފީޒުކުރާނީ ރައްޔިތުން އެކަމަށް ރުހޭކަމަށްވާނަމަ. އަދި އެ ސަރަހައްދުގެ ރައްޔިތުން އުފަލާއެކު ބަލައިގަންނަކަމަށްވާނަމަ. އަޅުގަނޑަށް ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް ކުޑަކުދިން ނިކުމެ އެމަގުތަކުގައި ދުވެލައި ކުޅެލައި ހެދޭނެ. އެތަނަކަށް ދުއްވާ އެއްޗެއް ވަދެދާނެކަމުގެ ބިރެއް ނޯންނާނެ." މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355