ހޮސްޕިޓަލުގެ އިމުގެ ތެރޭގައި އާ އިމާރާތް ހިމެނުމަކީ ރައްޔިތުން އެދޭ ގޮތަށް ތަރައްގީގެ ކަންކަން ސަރުކާރުން ތަންފީޒުކުރާނެކަމުގައި އަލިގަދަ ހެއްކެއްކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބުލިކް ވާރކްސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަހުމަދު (ޖިހާދޭ) ވިދާޅުވެއްޖެ އެވެ.
ކޭއާރުއެޗުގެ އާ އިމާރާތް އެޅުމަށް ހެލްތް މިނިސްޓްރީން ފުރަތަމަ އެދުނީ ހޮސްޕިޓަލްގެ އުތުރުން ނޮލެޖް ސެންޓަރާ ދެމެދުގައިވާ ބިމެވެ. އެކަމަކު އެ ބިމަކީ އާރުޓީއެލް ފެރީ ޓާމިނަލަށްދާ އޮންނަ ބޮޑު މަގާއި ހޮނިހިރު ބާޒާރު ހިމެނޭ ގްރީން ޒޯނާއި ކައުންސިލަށް އާމުދަނީ ލިބޭ އިމާރާތެއްވެސް ހިމެނޭ ބިމެކެވެ. އަދި ހޮނިހިރު ބާޒާރު އޮންނަ އެ ގްރީން އޭރިއާ އަކީ ކޮންމެ ދުވަހުވެސް އެތަކެއް ދަތުރުވެރިން ބޭނުންކުރާ ތަނެކެވެ. ހަމައެއާއެކު މިހާރު މިހާރުވެސް ހޮސްޕިޓާ އޮންނަ ބިމަކީ ބިޔަ ބިމެކެވެ. އެތަނުގައި އިމާރާތްކޮށްފައިވަނީ ބިން ގެއްލޭގޮތަށް ފަތުރާލައިގެންނެވެ. އެހެންވެ ހޮސްޕިޓަލަށް އިތުރު ބިމެއް ދިނުމަކީ ރައްޔިތުންވެސް ދެކޮޅު ކަމެކެވެ.
އެހެންވުމުން މޭޔަރު އާތިފް އާއި ބައެއް މެންބަރުން މާލެ ވަޑައިގެން ހެލްތް މިނިސްޓަރާ ބައްދަލުކޮށް އާ އިމާރާތް އަޅާނެ ޖާގަ ހޮސްޕިޓަލުގެ އިމުގެ ތެރެއިން ހިމެނޭކަމަށް ވިދާޅުވެ ކުރައިގެން ގެންދިޔަ ޗާޓްތަކެއްވެސް މިނިސްޓަރަށް ހުށަހަޅައި އެދިލެއްވީ އާ އިމާރާތް ހޮސްޕިޓަލުގެ އިމުގެ ތެރެއަށް ލައިދިނުމަށްކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ.
އަދި ކައުންސިލުން އެދުނު ގޮތަށް ހެލްތް މިނިސްޓްރީން އެކަން ކޮށްދީފައިވާކަން ފާހަގަކޮށް މޭޔަރު އާތިފް ވަނީ މިދިޔަ ބުދަ ދުވަހު އެކަން ރައްޔިތުންނަށް އަންގަައިފަ އެވެ.
އެކަމާ ގުޅުވައި ޖިހާދޭ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ސިޓީ ކައުންސިލުން ބޮޑު ބިމެއް ސަރުކާރުން އެދުނު ގޮތަށް، ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށްޓަކާ ބިން ކަނޑައަޅައި ދިނުމުންވެސް އެ ހޮސްޕިޓާ ލޮލަށް ފެންނަވަރެއް ނުވި ކަމަށެވެ.
ޖިހާދޭ އިތުރަށް ވިދާޅުވީ ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް އިތުރު ބިމެއް ދިނުމަށް ރައްޔިތުން ދެކޮޅު ހެދުމުން އެއަޑު އަހާ ކައުންސިލްގެ ބަސް ސަރުކާރުން ބަލައިގަނެ މި ދެއްކެވި މިސާލަކީ ތަރައްޤީގެ ކަންކަން ކުރުމުގައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ތަންފީޒު ކުރާނެ ކަމުގެ އަލިގަދަ ހެއްކެއްކަމުގަ އެވެ.
"ނިމިދިޔަ ސަރުކާރުން ހޮސްޕިޓަލްގެ ޖާގަ ގެއްލުވާލާ ބޯކިބަލެއް ފަތުރާލިއިރު ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަދޭނެ ހަކަތަ ކައުންސިލްގައި ނެތްތަންވެސް ފެނިގެން ދިޔަ." ޖިހާދޭގެ ޕޯސްޓްގައިވެ އެވެ.
ރައްޔިތުން އެދޭގޮތަށް ހޮސްޕިޓަލްގެ އާ އިމާރާތު ބިމުގެ މައްސަލަ ނިންމަވައިދީފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ހެލްތް މިނިސްޓަރަށް ޖިހާދޭ ޝުކުރު އަދާކުރެއްވި އެވެ. ކުރީގެ ސަރުކާރުން ހޮސްޕިޓަލުގެ ބިން އިސްރާފުވާގޮތަށް އިމާރާތްތައް ފެތުރުމުން އޭރުވެސް ޖިހާދޭ ވަނީ ސަރުކާރަށް ވިދާޅުވެފަ އެވެ.
އެމްޑީޕީ ވެރިކަމުގައި ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމަށްޓަކާ ވެލިގަނޑު ސަރަހައްދު 2020 ވަނަ އަހަރުގެ އޮގަސްޓްމަހު 130493 އަކަފޫޓްގެ ބިމެއް ހަމަޖެއްސި އެވެ. ކުރީގެ ކައުންސިލުން ހަމަޖެއްސި އެ ބިމަކީ ސަރުކާރު ހޮސްޕިޓާ އަޅަން އެދުނު ވަރަށްވުރެ ކުޑަ ބިމެެކެވެ. ސަރުކާރުން އެދުނީ 360000 އަކަފޫޓް ހޯދުމަށެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ ބިމު ޖާގަ ދަތި ރަށަށް ވާތީ ކައުންސިލުން ސަރުކާރުން އެދުނު އަަދަދަށް ބިން ދިނުމަށް ދެކޮޅު ހެދި އެވެ.