ހދ ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އެރަށަށް ފެނަކައިގެ ޓީމެއް އިއްޔެ ގޮސްފި އެވެ.
ލޯޑްބޮޑުވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އެރަށުން ކަރަންޓް ކެނޑޭތާ ދެމަހަށްވުރެ ގިނަ ދުވަސްވަނީ ވެފައި އެވެ. އެމައްސަލަ ހައްލުނުވެ ގިނަ ދުވަސްވަމުންދާތީ އެރަށުގެ ރައްޔިތުން އިއްޔެ ވަނީ ފެނަކަ އިދާރާގައި މުޒާހަރާވެސް ކޮށްފަ އެވެ.
ކަރަންޓްގެ މައްސަލަ ބޮޑުވެފައިވަނީ އެރަށުގައި ހުންނަ ދެ ޖަނަރޭޓަރު އޯވަހޯލް ނުކުރާތާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުންނާއި ކޭބަލް ނެޓްވޯކް ގިނަ ދުވަސްތަކެއްވުމުންނެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމް ކޭއޯއަށް ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އެރަށުގައި ފެނަކައިގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ކައިރި ރަށަކުން އިތުރު ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކުރުމަށްފަހު އެރަށުގައި ހުރި 160 ދެ ޖަނަރޭޓަރު އޯވަހޯލްކުރުމުގެ މަސައްކަތް ފަށާނެކަމަށް ފެނަކައިން މައުލޫމާތުދީފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
ފެނަކައާ ހަވާލާދީ ނާޒިމު ވިދާޅުވީ ކޭބަލު ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި ޖަނަރޭޓަރު ރަށަށް ގެނައުމާއެކު މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޯވަހޯލްކޮށް، ކޭބަލު ބަދަލުކުރުމުންވެސް ކަރަންޓްގެ މައްސަލައަށް ލިބިގެންދާނީ ވަގުތީ ހައްލެއް ކަމަށާއި ދާއިމީ ހައްލެއް ލިބޭނީ އިތުރު ޖަނަރެޓަރެއް ލިބިގެން ކަމަށެވެ.
އޯވަހޯލް ނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން 160 ކިލޯވޯޓްގެ ޖަނަރޭޓަރެއްކަމަށްވިޔަސް 100 ކިލޯވޯޓްވެސް އުފައްދާ ނުދޭ ކަމަށެވެ. އޭގެ ސަބަބުން ފަންކަލެއްވެސް އެބުރެނީ ވަރަށް މަޑުންކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އަވަސް އަވަހަށް ކަރަންޓް ކެނޑުމުގެ ސަބަބުން ގިނަ ގޭބިސީތަކުގައި ހުރި އިލެކްޓޯނިކްސް ސާމާނު ހަލާކުވަމުންދާކަމަށެވެ.
ހޫނުގަދަ ވުމުގެ ސަބަބުން ގިނަ ރަށްތަކަކުން ކަރަންޓް ކެނޑުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.