ކުޅުދުއްފުށީ ކުޅީގެ ދިރާސާއެއް ހެދުމަށް ބޭރުގެ ތަޖުރިބާކާރު ޓީމެއް ދާދީ ދެންމެއަކު ކުޅުދުއްފުއްޓަށް އަތުވެއްޖެ އެވެ. މި ޓީމުގައި އެންވަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބުދުﷲ ނަސީރުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ކުޅުދުއްފުއްޓަށް މި ބޭފުޅުން ވަޑައިގަތުމުން ތިމާވެށި ހިމާޔާތްކުރުމަށް މަސައްކަތްކުރާ ބިލީފުން ވަނީ ހޫނު މަރުހަބާ ކިޔާފަ އެވެ.
ދުނިޔޭގެ ކުޅި، ފާ، އަދި ޗަސްބިން ފަދަ ތަންތަން ހިމާޔާތްކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ޖަމިއްޔާއެއްކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ މި ޓީމުގައި ކެނެޑާ، އެމެރިކާ، ތައިލެންޑް ފަދަ ގައުމުތަކުގެ ސައިންސްވެރިން ހިމެނެ އެވެ. އަދި އީޕީއޭގެ ބޭފުޅުންވެސް މި ޓީމުގައި ހިމެނެ އެވެ.
ކުޅުދުއްފުށީގެ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓް ތަރައްގީކޮށްފައިވާއިރު އެތަނުގެ ބާކީ ބައި ހިމާޔާތް ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ ޤުދުރަތީ ވެއްޓަށް ދަނީ ހީނުކުރާހާ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މިކަމުގެ ސަބަބުން އެންވަރަމެންޓް މިނިސްޓްރީ އަށާއި ސަރުކާރަށް ދަނީ ފާޑުކިޔުންވެސް އަމާޒުވަމުންވެ.
ކުޅީގެ ބާކީ ބައި ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކުރުމަށް މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެހީ މިނިސްޓްރީން ވަނީ ހޯދާފަ އެވެ. ކުޅުދުއްފުށީގައި ހުންނަވައިގެން ކޭއޯއަށް ދެއްވި އިންޓަވިއުގައި ސްޓޭޓް މިނިސްޓަރު ނަސީރު ވިދާޅުވީ މި ޓީމުން ކުޅުދުއްފުށީ ކުޅީގެ ދިރާސާތަކެއް ހަދާނެ ކަމަށެވެ. ހަތަރު ދުވަހު އެ ބޭފުޅުން ކުޅުދުއްފުށީގައި ތިއްބަވާނެ އެވެ.
ޑރ ނަސީރު ވިދާޅުވީ ތަޖުރިބާކާރުން ހަދައި ދިރާސާއިން ކުޅީގެ ބާކީ ބައި ރައްކާތެރިކުރެވޭނެ ގޮތެއް ހޯދިގެންދާނެ ކަމަށާއި އަދި ޤުދުރަތީ މާހައުލަށް ދިރުން ގެނެވޭނެ ގޮތްތައް ބަލާ އެސެންމަންޓް ހެދިގެންދާނެ ކަމަށެވެ.
ކުޅުދުއްފުށީ ކުޅިއަކީ މަދުން ނޫނީ ނުފެންނަށް ގިނަ ބާވަތްތަކެއްގެ ދިރުންތައް ފެނިފައިވާ ޤުދުރަތީ މުންސަނދިކަމެއް ލިބިފައިވާ ތަނެކެވެ. ރައީސް އިބުރާހިމް ސޯލިޙް ވިދާޅުވެފައިވަނީ ތިމާވެށި ޤުރުބާންކޮށްފަ މި ސަރުކާރަކުން ތަރައްގީގެ ނަމުގައި އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދާނެ ކަމަށެވެ.