އިތުރު ޖަނަރޭޓެއް ގެނެސް، މިހާރު ހުރި ޖަނަރޭޓަރުތައް އޯވާހޯލް ކުރި ނަމަވެސް ކަރަންޓު ގުޅާފައިވާ ކޭބަލްތައް ބަދަލު ނުކުރާނަމަ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ހައްލެ ނުލިބޭނެކަމަށް ނެއްލައިދޫ ކައުންސިލް ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ނާޒިމް ވިދާޅުވީ ކޭބަލް ނެޓުވޯކަކީ ގިނަ ދުވަސްވެފައިވާ ނެޓުވޯކަކަށްވެފައި އެކަށީގެންވާގޮތުގައި ގޭބިސީތަކަށް ކަރަންޓު ފޯރުކޮށް ނުދެވޭ ކަމަށެވެ. އަދި ކޭބަލްތައް ބަދަލު ކުރުމުގެ ރަސްމީ ލިޔެކިޔުންތައް މިހާތަނަށް ލިބިފައިނުވިނަމަވެސް ފެނަކައިން ކޭބަލް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފަރާތުން ވިދާޅުވެފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
މިވަގުތު ނޮޅިވަރަމުން 180 ކިލޯގެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އެ ޖެނަރޭޓަރު އިންސްޓޯލް ކުރެވުނުހާ އަވަހަށް ރަށުގައި ބޭނުން ކުރަމުން އައި ދެ ޖަނަރޭޓަރު އޯވާހޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
" ނޮޅިވަރަމުން ގެނައި ޖަނަރޭޓަރު އިންޖީނުގެ ގެއަށް ވައްދާނެހާ ޖާގަ ނެތުމުން އިންޖީނުގޭގައި ވަގުތީ ތަނެއް ހަދާ ދާއިމީކޮށް އެ އިންޖީނު ބެހެއްޓޭނެ ވަރު ބެޑެއް އަޅައިގެން އެ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ އިންޖީނު އިންސްޓޯލް ކުުރެވުމުން ރަށުގައި ހުރި އިންޖީނުތައް ފަހަރަކު އިންޖީނެ އޯވަހޯލް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި މިވަގުތުވެސް ފެނަކައިގެ ޓީމް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާރުވެސް ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓު ކެނޑެމުން ދާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ރޭ ދަންވަރުވެސް ކަރަންޓު ކެނޑުނު ކަމަށާއި، މިހާރު ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ އެންމެ ފަލަ ކޭބަލްވެސް ވަނީ ހަލާކުވެފައިކަމަށެވެ.
ނާޒިމް ވިދާޅުވީ ރޯދަމަހު ކަރަންޓް ބޭނުންކުރާ ވަރު އިތުރުވާނެ ކަމަށާއި އެހެންކަމުން އިންޖީނު އިންސްޓޯލްކޮށް ހޯވަހޯލްކުރިނަމަވެސް ކަރަންޓްގެ މައްސަލަ ރޯދަމަހުވެސް ހައްލުވާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ. މިހާރުވެސް ދުވަހެއް ދުވަހަކަށް އިލެކްޓޯނިކްސް ސާމާނު ގެނެސް އެތަކެތި ގޭބިސީތަކުގައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިހާރުކުރަމުންދާ މަސައްކަތުން ލިބިގެންދާނީ އަހަރެއްހާ ދުވަހުގެ ވަގުތީ ހައްލެއް ކަމަށެވެ.
މިހާރުވެސް ގޭބީސީތަކުން ގާތްގަނޑަކަށް 230 ކިލޯ ވޯޓުގެ ކަރަންޓު ދުވާލެއްގެ މައްޗަށް ބޭނުކުރަމުން ދާއިރު މިއީ ކޭބަލްތައް ބަދަލުކޮށް އިތުރު ޖެނެރޭޓަރު ހޯދައިގެން ނޫނީ ހައްލު ނުވާނެ މައްސަލައެއްކަން ނާޒިމް ވިދާޅުވި އެވެ.
ލޯޑްބޮޑުވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން އެރަށުން ކަރަންޓް ކެނޑޭތާ ދެމަހަށްވުރެ ގިނަ ދުވަސްވަނީ ވެފައި އެވެ. އަދި މިމަހު 10 ވަނަ ދުވަހުން ފެށިގެން ފެނަކައިގެ ޓީމެއް ކަރަންޓު މައްސަލަ ހައްލު ކުރުމަށް އެރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.