ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް މިހަފްތާ ތެރޭގައި އަލުން މަސައްކަތް ފެށޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ނިމިދިޔަ ސަރުކާރުގައި ހަދަން ފެށި އެއާޕޯޓްގެ މަސައްކަތް ނުނިމެނީސް އިންތިހާބަށް އެންމެ ދުވަހަކަށްވެފައިވަނިކޮށް ރައީސް ޔާމީން ވަނީ ހުޅުވައުދެއްވާފަ އެވެ. އެތަން ހުޅުވިއިރު އޮތީ ހަމައެކަނި ރަންވޭ އެކެވެ. އެކަމާ ހެދި ގިނަ ބަޔެއްގެ ފާޑުކިޔުންވެސް އެމަނިކުފާނަށް އަމާޒުވި އެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހު އެއާޕޯޓްގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެއާޕޯޓްގެ އިންވަކިކުރުމަށް ޖެހި ފެންސު ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސްފައެއް ނުވެ އެވެ. ޓާމިނަލްގެ މަސައްކަތް ކުރިއަށް ނުދާތީ އެމަސައްކަތް ހަވާލުކޮށްފައިވާ ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސް ރީޖަނަލް އެއާޕޯޓްސް އިން މިދިޔަ މާރޗްމަހުގެ ތެރޭގައިވަނީ އުވާލާފަ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމުގެ ގޮތުން ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރީން ހަވާލުކޮށްފައިވާ ފަރާތުން އެމަސައްކަތް ކުރިއަށް ނުގެންދާތީ މިހާރު އެފަރާތުގެ އެއްބަސްވުން ބާތިލް، އެހެން ބަޔަކާ މިހަފްތާ ތެރޭގައި ޓާމިނަލްގެ މަސައްކަތް ނިންމުމަށް ހަވާލުކުރެވޭނެ ކަމަށެވެ.
" ކުރިން ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ކުރިއަށް ނުގެންދާތީވާނީ އެގްރިމެންޓް ޓާމިނޭޓްކޮށްފަ. މިވީކުގެތެރޭގައި އެހެންބަޔަކާއި އެއާޕޯޓްގެ ޓާމިނަލްގައި ނުނިމިހުރި މަސައްކަތް ކުރުމަށް ހަވާލުކުރާނަށް. ކުރިން ހަވާލުކުރި ފަރާތުން ކުރިއަކަށް ނުގެންދެވުނުނޫންތޯ ". އޮފިޝަލް ވިދާޅުވިއެވެ.
ކޮރެލިން މޯލްޑިވްސް އަތުން ސަބް ކޮންޓްރެކްޓަށް ޓާމިނަލުގެ މަސައްކަތް ކުރިން ކޮށްފައިވަނީ ވޭވްލެންތު ކޮމްޕެނީން އެވެ. ކޭއޯއަށް އެނގިފައިވާގޮތުގައި މަސައްކަތް ހުއްޓުނީ ދެ ކުންފުނި ދޭތެރޭގައި ފައިސާގެ މައްސަލަތަކެއް ޖެހިގެންނެވެ.
އޮފިޝަލް ވިދާޅުވީ ޓާމިނަލްގެ މަސައްކަތް އަލުން ހަވާލުކުރުމަށް ނިންމާފައިވަނީ ވޭވްލެންތް ކޮމްޕެނީއާ ކަމަށާއި އެމަސައްކަތް މިހަފްތާތެރޭ ހަވާލުކުރެވޭނެ ކަމަށެވެ. ޓާމިނަލްގެ މަސައްކަތް ކުރިއަށްއޮތް ދެ މަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ރަންވޭގެ ހުޅަނގު ކޮޅަށް އަޅާފައިވާ ފަސްގަނޑު ހިމާޔަތް ކުރުމަށް ޖަހާފައިވާ ހިލަތައް ފައިބާފައިވާތީ އެކަން ރަނގަޅުކުރުމަށް އެމްޓީސީސީއަށް އަންގާފައިވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެންމެ ބޮޑު މައްސަލައަކީ އެސަރަހައްދުގައި ނުނެގި ހުރި ގެތަކުގެ މައްސަލަ. ސަރަހައްދު ވަކިކުރުމަށް ޖަހަންޖެހޭ ފެންސް ނުނިމިގެން މިއުޅެނީވެސް އެހެންވެ. އެއީ ކައުންސިލްގެ ފެއިލާއެއް. ކައުންސިލުން އެކަންތައް ނުކުރެވިގެން" އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް އޮފިޝަލް ވިދާޅުވީ ޓާމިނަލްގެ މަސައްކަތްތަކާއި އެހެންކަންކަން ނިންމާލެވުނަސް ސަރަހައްދު ވަކިކުރުމަށް ޖަހަންޖެހޭ ފެންސުގެ މަސައްކަތް ނުނިމެނީސް ސިވިލް އޭވިއޭޝަނުން ހުއްދަ ނުލިބޭނެ ކަމަށެވެ.
އެސަރަހައްދުގައި ހުރި ގޯތިތަކަށް ނިމިދިޔަ ސަރުކާރުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންވަނީ ގެތަކުގެ ބަދަލުގެކަންތައް ނިންމައި ބައެއް ފަރާތްތަކަށް ބަދަލުވެސް ދީފައި އަދި ކައުންސިލުންވަނީ އެފަރާތްތަކަށް ބިންވެސް ހަމަޖައްސައިދީފައެވެ. އޭގެތެރެއިން ދެ ގޯއްޗެއްގެ ވެރީންވަނީ ހުށައެޅުނު ބަދަލާމެދު ހިތްހަމަނުޖެހޭތީ ހައިކޯޓްގައި އެމައްސަލަ އިސްތިއުނާފުވެސް ކޮށްފައިވާކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ ދެއަހަރުގެ ތެރޭގައި ނިންމުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެފައިވާ ވައުދެއްކަމަށާއި ޔާމިން ސަރުކާރުގެ ފަހު ދުވަސްކޮޅު ކުޅިން ބަޔަކާއެކު ބިންހިއްކައިގެން އެއާޕޯޓް އެޅުމުގެ މަސްރޫއު ފެށި، އެހެންނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތްވާ ކެމްޕެއިންގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެތަނުގެ މަސައްކަތް ނުނިމެނީސް އެމަނިކުފާނުވަނީ އެއާޕޯޓްގައި ފުލައިޓް ޖެއްސުމަށްފަހު ރަސްމީކޮށް ހުޅުވައިދެއްވަފައެވެ.