ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިއޮތްއޮތުން ނިމުމަކަށް ގެނެސް މިދިޔަ ހަފްތާގައި މަސައްކަތް ކޮންޓްރެކްޓާއި ހަވާލުކުރެވި ޓާމިނަލްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯރޓް މިނިސްޓުރީގެ ސްޓޭޓް މިނިސްޓަރު އާދިލް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުޅުދުއްފުށީ ވޭވްލެންތު ކޮމްޕެނީއާ މިދިޔަ ހަފްތާގައި ހަވާލުކޮށްފައިވާކަމަށާއި ބުރާސްފަތިދުވަހުން ފެށިގެން އެކުންފުނިން ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އަދި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ދެމަސްދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭވް ލެންތު ކޮމްޕެނީ ބުނީ ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހު ކަމަށާއި ބުރާސްފަތި ދުވަހު އެމަސައްކަތްތައް ފަށާފައިވާ ކަމަށާއި އެމަސައްކަތް ނިންމަންދީފައިވާ މުއްދަތަކީ ހަތްދިހަދުވަސްކަމަށެވެ
ކޭއޯއަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ޓާމިނަލާއި ފަޔާރ ބިލްޑިންގުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ވޭވް ލެންތު ކޮމްޕެނީއާ ހަވާލުކޮށްގެން މިހާރު އެމަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.
" ކޮރެލިންނާއި ޓާމިނަލް އަޅަން ހަވާލުކުރީ ވަކި ހިސާބަކުން އެމީހުންގެ މަސައްކަތް ނުހިގާތީ އެމީހުން އަތުން އަތުލާފައި އަޅުގަނޑުމެން ޓާމިނަލްގެނުނިމި ބާކީ ހުރި މަސައްކަތްތައް ނިންމުމަށް ވޭވްލެންތު ކޮމްޕެނީއާ ހަވާލުކުރީ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް." ސާމީ އަގީލް ވިދާޅުވި އެވެ.
އިތުރަށް ސާމީ އަގީލް ވިދާޅުވީ މިހާރު ފެށިފައި ހުރީ އިމާރާތުގެ ސްޓްރަކުޗާރ ކަމަށާއި ވޭވްލެންތުން ކޮމްޕެނީން ކުރިއަށް ގެންދާނީ ޓާމިނަލާއި ފަޔާރބިލްޑިންގުގެ ވަށާފާރުރޭނުން އެތެރޭގައި ޖަހަންޖެހޭ ޕާޓިޝަންތައް ސީލިންގާއި ފާހަނާތަކާއި ދޮރުތަކާ އިންޓީރިޔާގެ ހުރިހާ މަސައްކަތްތައްކަމަށެވެ.
ރަންވޭގެ ލައިޓިންނާއި ބެހޭގޮތުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސާމީ ވިދާޅުވީ ލައިޓިން ސިސްޓަމްވެސް ހަރުކުރާނެ ކަމަށާއި އެހެންނަމަވެސް އެއްވެސް އެއާޕޯޓެއް ފުރަތަމަ ފަށާއިރު ލައިޓިން ސިސްޓަމް އިންސްޓޯލް ނުކުރާނެކަމަށެވެ.
" ފުލައޓް އޮޕަރޭޓް ކުރާފަރާތް ފުރަތަމަ ބަލާނެ އެތަނުގެ ސެޑިއުލަށްތައް އަދި ކިހާވަރަކަށް ޑިމާންޑް ހުރިގޮތް އެގޮތްތައް އެމީހުން ބެލުމަށްފަހު ނައިޓް އޮޕަރޭޝަން އެމީހުން ބޭނުންވޭތޯ ބަލާނެ އެމީހުން ނައިޓްއޮޕަރޭޝަން ބޭނުންވަންޏާލައިޓް ހަރުކުރާނެކަމަށާއި ނައިޓްއޮޕަރޭޝަނަށް ލައިޓްހަރުކުރުމަކީ މާބޮޑު މަސައްކަތެއްނޫން. " ސާމީ އަގީލް ވިދާޅުވި އެވެ.