ރޯދަމަހު ސްކޫލުތަކުގައި ކިޔަވާދޭ ވަގުތުތައް އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފި އެވެ.އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކިޔެވުން ހަމަޖެހިފައިވާނީ ހެނދުނު 8:30 އާއި 9:00 ގެ ދެމެދުގައި ގަޑިއެއްގައި ފެށެން ޖެހޭނެ ކަމަށާއި ސްކޫލު ފަށާ ގަޑި ކަނޑައަޅާއިރު ބެލެނިވެރިންނަށް ދަތި ނުވާނެގޮތަށް ހަމަޖެއްސުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި މެންދުރުފަހު 3:00 އަށް ކިޔެވުން ނިމޭނެ ގޮތަކަށް ގަޑިތައް ހަމަޖައްސަންވާނެކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
ރޯދަމަހު އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ 1 ގަޑިއިރާ 30 މިނިޓެވެ. ގްރޭޑު 1 އިން 6 ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް 2 ގަޑިއިރާއި 30 މިނެޓު ހަމަޖެހިފައިވާއިރު ގުރޭޑް 7 އިން 12 ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 3 ގަޑިއިރު ކަމަށް އެޑިއުކޭޝަންގެ އިއުލާނުގައި ވެއެވެ.
ރޯދަމަހުގެ ކިޔަވައި ދިނުމުގެ ގަޑިތައް އެހެން މަސްތަކާ އަޅާބަލާއިރު ކުރު ވަގުތުތަކެއްކަމުގައި ވާތީ ކޮންމެ ގަޑިއެއްގެ ދިގުމިނުގައި 30މިނެޓާއި 45 ދެމެދު ގަޑިޔަކަށް ހަމަޖައްސާ އަދި ކްލާސްތަކަށް ޓައިމް ޓޭބަލް އެކުލަވާލާއިރު އެންމެ މަދުވެގެން 2 ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައި ދެވޭނެ ގޮތަށް ހަމަޖައްސަން ވާނެކަމަށް އިއުލާނުގައިވެ އެވެ.
ކޮންޓިނުއަސް އެސެސްމަންޓް ނަގައި ދަރިވަރުންނަށް ކިޔެވުން އޮންނާނީ އަންނަމަހުގެ 16 ވަނަ ދުވަހާ ހަމައަށް ކަމަށާއި 19 މެއިން ފެށިގެން އެ ދަރިވަރުންގެ ކިޔެވުން ބަންދުވާނެ ކަމަށެވެ. ނަމަވެސް ގުރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭ ދުވަސްތައް ކުރިއަށްދާނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް ކަމަށް އިއުލާނުގައިވެ އެވެ.
ގަޑިތައް ކަނޑައެޅުމުގައި ޓީޗަރުން މަސައްކަތް ކުރާގަޑި 4 ގަޑިއިރަށް ވުރެން ދިގުނުވާނެ ގޮތަކަށް ހަމަޖެއްސުމާއި ނަމާދު ވަގުތު ފާއިތު ނުވަނީސް ފަސޭހަކަމާއެކު ދަރިވަރުންނާއި މުވައްޒަފުންނަށް ނަމާދު ކުރެވޭނެ ގޮތް ހަމަޖެހެން ވާނެކަމުގައި މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
އަދި ދީނީ މައުލޫމާތު ދިނުމުގެ ގޮތުން ދަރިވަރުން ބައިވެރިކޮށްގެން ދީނީ ހަރަކާތްތައް ރާވާ ހިންގުމުގެ އިތުރުން މަޢުރިބު ނަމާދާއި އިޝާ ނަމާދުގެ ދެމެދު ވަގުތު ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގުމާއި ރޭގަނޑު ވަގުތުގައި ސްކޫލު ހަރަކާތް ރޭވުމުގައި ތަރާވީޙު ނަމާދަށް ފުށު ނާރާގޮތަށް ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަނުގެ އަންގާފައިވެ އެވެ.