twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުރީގެ މެންބަރުންނަށް އިތުރު އިނާޔަތް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅައިފި

Apr 22, 2019

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް އިތުރު އިނާޔަތްތައް ދިނުމަށް އިމްތިޔާޒުތަކާއި، ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލްތަކެއް މަޖިލީހަށް ހުށައަޅައިފި އެވެ.

އެގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތާއި އާއިލާތަކަށް ހެލްތު އިންޝުއަރެންސް ލިބޭނެ ގޮތަށް އިސްލާހު ހުށައަޅުއްވާފައި ވެއެވެ.

އިސްލާހު ގެނައުމަށް ތިން ބިލެއް ހުށަހެޅުއްވީ އެންމެ ފަހުން ބޭއްވި އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.

މެމްބަރުންނަށް ގާނޫނުން މިހާރު ލިބިދެނީ ރައްޔިތުން އިންތިހާބު ކުރާ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވުރެ މަދު އިނާޔަތަކަށް ވާތީ އެކަމަށް ހައްލު ހޯއްދެވުމަކީ ބިލްގެ މަގްސަދެއް ކަމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވި ބިލްގައިވެ އެވެ.

އެގޮތުން ބިލް ހުށަހެޅީ ރައްޔިތުން އިންތިހާބުކޮށްގެން ދައުލަތަށް އެތަކެއް ހިދުމަތް ކޮށްފައިވާ ބޭފުޅުންނަށް ކަމަށް ވާތީ ޝަރަފުވެރިކަމާއި އަބުރުވެރިކަމާ އެކު އެބޭފުޅުންނަށް ދިވެހި މުޖުތަމައުގައި އުޅުއްވުމުގެ ފުރުސަތު ލިބިދިނުމަށް ކަމަށް މުސްތަފާ ހުށަހެޅުއްވި ބިލްގައިވެ އެވެ.

މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ހަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ އޮފިޝަލް ޕާސްޕޯޓެކެވެ. އެކަމަކު މަޖިލިހުގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓި ލިބިވަޑައިގަންނަވަ އެވެ.

މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށާއި އަދި އެ މީހުން ބައިވެރިކުރާ ނަމަ އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ލަތީފް ހުށައެޅި އިސްލާހުގައި ވެއެވެ.

މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މެމްބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މިހާރު ވެސް އިނާޔަތްތަކެއް ލިބިވަޑައިގަންނަވަ އެވެ. އެގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާފައި ތިއްބެވި ބޭފުޅުން މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 ޕަސެންޓް ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މަހަކު ގާތްގަނޑަކަށް 25،000ރ އެވެ.

ދެ ދައުރު ފުރިހަމަ ކުރައްވާފައިވާ ބޭފުޅަކަށް އެ ބޭފުޅަކު މެމްބަރަކަށް ހުންނެވި އިރު ލިބިވަޑައިގެންނެވި މުސާރައިގެ 45 ޕަސެންޓު ލިބޭނެ ކަމަށް އިމްތިޔާޒު ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މަހަކު 38،000ރ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355