ވޭތުވެދިޔަ އެއްވެސް އަހަރުތަކުގައި ނުދާހާ ނުރައްކާ ސްޓޭޖަކަށް ޑެންގީހުން، ކުޅުދުއްފުށީގައި އިތުރުވެފައިވާކަމަށާއި އެކަމަށް ހުރިހާ ރައްޔިތުން ސަމާލުވެ ތިބުމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އެދިވަޑައިގަންނަވައިފި އެވެ.
ޑެންގީ ޓާސްކް ފޯހުގެ ބައްދަލުވުމެއް ރޭގައި ބާއްވާފައިވާއިރު ޑެންގީ ކޮންޓްރޯލްކުރުމަށް ކުރެވިދާނެ މަސައްކަތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފަ އެވެ. އެގޮތުން ރަށު ތެރެ ފޮގް ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރަމުންދާއިރު ކުރިއަށް އޮތް ތިންވަރަކަށް ދުވަސް ވަންދެން ކޮންމެ ދުވަހެއްގެ ހެނދުނު އާއި ހަވީރު ފޮގްކުރާނެ ކަމަށެވެ.
އަދި މުޅި ރަށު ތެރެ ސާފުކޮށް، މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި ކުލަބު ޖަމިއްޔާތަކުގެ ފަރާތުން އަންނަ ހޮނިހިރުދުވަހު ނިކުންނާނެކަމަށް ލަތީފް ވިދާޅުވި އެވެ. ޑެންގީހުމުގެ ތަފާސް ހިސާބެއް ލަތީފެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރާނީ ހެލްތް އޮފިޝަލުން ކަމަށެވެ.
ޑެންގީ ޓާސްކް ފޯސް އެކުލަވާލައި އިފްތިތާހުކުރުމަށް މިދިޔަ މާރޗުމަހު ބޭއްވި ރަސްމިއްޔާތެއްގައި ޑެންގީހުމުގެ ތަފާސް ހިސާބުތައް ހާމަކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބުރުއަރީ އާއި މާރޗުމަހު ޑެންގީ ހުމުގެ އެންމެ ކޭސްއެއްވެސް ރިޕޯޓްކޮށްފައިނުވާއިރު މިއަހަރު ފެބުރުއަރީމަހު ޑެންގީހުމުގެ 17 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި މިދިޔަ މާރޗުމަހު 20 ވަނަދުވަހާ ހަމައަށް ޑެންގީގެ 9 ކޭސްއެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިދިޔަ 2018 ވަނަ އަހަރު ކުޅުދުއްފުށީގައި އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫންމަހު އެވެ. އެއީ 13 ކޭސް އެވެ.
އެ ރަސްމިއްޔާތުގައި ހާމަކުރި އެހެން މައުލޫމާތުތަކަށް ބަލާއިރު މިހާތަނަން ޑެންގީހުން ފެތުރެމުންދާކަން ފާހަގަކުރެވިފައިވަނީ ރަށުގެ ތިން ސަރަހައްދުގައި ކަމަށެވެ. އެހެންނަމަވެސް އެހެން ބައެއް ސަރަހައްދުތަކުންވެސް ޑެންގީހުމުގެ ރިޕޯޓްތައް ފެނިފައިވާކަމަށް އޭރު މައުލޫމާތުދިނެވެ. އެގޮތުން ޑެންގީހުމުގެ ރިޕޯޓްތައް އެންމެ ގިނައިން އަންނަ ސަރަހައްދުތަކުގެ 76 ގޭބިސީއަކަށް އެފަރާތުން ޒިޔާރާތްކޮށް، އިންސްޕެކްޓްކުރިއިރު އެތަނުން 22 ގޭބިސީއަކުން މަދިރި އުފެދޭގޮތަށް ހުރި “ބޮޑެތި ފެކްޓަރީތައް” ފެނިފައިވާ ކަމަށްވެ އެވެ.