twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރޯދަ ހަދިޔާގެ ގޮތުގައި ހޯރަފުށީގެ ކޮންމެ ގެޔަކަށް ހަނޑޫ ބަސްތާއަކާއި ހަކުރު ބަސްތާއެއް

އަބްދުލް ވާހިދު ޙަސަން
Apr 25, 2019
1

ހއ ހޯރަފުށީ ކައުންސިލުން ރޯދައަށް ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ހަކުރު ބަސްތާއެއް ހަދިޔާކުރުމަށް ނިންމައިފި އެވެ.

މިއަހަރުގެ ރޯދަމަހު ހޯރަފުށީގައި މީހުން ދިރިއުޅޭ ކޮންމެ ގެޔަކަށް ހަނޑޫ ބަސްތާއަކާއި ހަކުރު ބަސްތާއެއް ހަދިޔާކުރުމަށް ނިންމާ އެކަން މިއަދު އެ ކައުންސިލުން އިއުލާންކޮށްފި އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިރޭ ކޭއޯއަށް ވިދާޅުވީ، މި ޕްރޮގުރާމަށް ދެ ލައްކައެއްހާ ރުފިޔާ ހަރަދުވެގެންދާނެ ކަމަށާއި މި ފައިސާއަކީ ހިލޭ އެހީގެ ގޮތުގައި އެކި ފަރާތްތަކުން އަތުން ހޯދާފައިވާ ފައިސާކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްރޮގުރާމުގެ ދަށުން އެރަށުގެ ރައްވެހިން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ހަކުރު ބަސްތާއެއް ހަދިޔާކުރާނެ ކަމަށެވެ.

ހޯރަފުށީގައި 700 އަށްވުރެ ގިނަ ގޭބިސީތައް ހުންނައިރު އެރަށުގައި މީހުން ދިރިއުޅެނީ 400 އެއްހާ ގޭބިސީތަކުގައި އެވެ. އެރަށުގެ ގިނަ ރައްޔިތުން ދިރިއުޅެމުންދަނީ މާލެ ސަރަހައްދުގަ އެވެ.

ރޯދައަށް ގިނަ ކައުންސިލްތަކުން ގޭބިސީތަކަށް ދަނީ ތަފާތު އެކި ހަދިޔާ ދެމުންނެވެ. އެގޮތުން ކުޅުދުއްފުށީ ކައުންސިލުން ކޮންމެ ގޭބިސީއަކަށް މުސްހަފެއް ބަހާއިރު ކުމުންދޫ ކައުންސިލުން ވަނީ ކުނިއުކާލުން ހިލޭ ހަމަޖައްސައިދީފަ އެވެ.

އަދި ނައިވާދޫ ކައުންސިލުން ރޯދައަށް ކޮންމެ ގޭބިސީއަކަށް ބިސް ކޭހެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ށ ނަރުދޫ ކައުންސިލުން ކޮންމެ ގެޔަކަށް ފިޔާ ބަސްތާއެއްގެ އިތުރުން ކޭބަލް ޓީވީގެ ފީ ވަނީ ދައްކައިދޭން ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355