twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށި: ބޯހިޔާވަހިކަމަށް ހައްލެއް ނުލިބި ކަންބޮޑުވުމާއި ހިތްހަމަނުޖެހުމުގައި

. ގުރުއަތުން ފުލެޓް ލިބުނު ގިނަ ބަޔަކަށް އަދިވެސް ވަނީ ފުލެޓްތަކަށް ނުވަދެވި
. ބޯހިޔާވަހިކަމަށް ހައްލެއް ނުލިބޭތީ ޒުވާނުންގެ ފާޑުކިއުން ސަރުކާރަށް
- ރޯހައުސްތަކެއް އިމާރާތްކުރާތާ 9 އަހަރު، އަދިވެސް ނުނިމޭ

އިބްރާހިމް ހަމީދު
May 27, 2019
2

ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ހައްލެއް އަދިވެސް ނުލިބޭތީ ޒުވާނުންގެ ހިތްހަމަ ނުޖެހުން އިންތިހާއަށް ބޮޑުވެ ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ދިރިއުޅޭ ޒުވާނުން ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ރަށުގެ ތިން ސަރަހައްދެއްގައި ހައުސިން ޔުނިޓް ތަކެއްވަނީ އަޅަންފަށާފަ އެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނު ހިސާބުން އެހައުސިންގ ޔުނިޓްތަކުގައި މަސައްކަތް ހުއްޓި އެތަންތަން މިހާރުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ނިމިދިޔަ ވެރިކަމުގައިވެސް އެއްވެސް ވަރަކަށް އެތަންތަން މަރާމާތުކޮށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ޒުވާނަކު މިނޫހާ މައުލޫމާތު ހިއްސާ ކުރަމުން، ހިތްހަމަނުޖެހި ހުރެ ބުނީ ތިން ކުދީންނާއި އަންބަކާއެކު އުޅެމުން ދަނީ ކުޑަކޮޓަރި ގަނޑެއްގައި ވަރަށް ހިތްދަތި ކޮށްކަމަށެވެ.

ކުޅުދުއްފުށީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އަދަދު ބެލުމަށް ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބަކާ ދިމާކޮށް ސަރުކާރުތަކުން ގޯތިގެދޮރަށް ބޭނުންވާ ޒުވާނުންގެ އަދަދު ބެލުމަށް ފޯމާއި ސިޓީ ފަދަ ތަކެތިލުމަށް ސަރުކާރުން ގޮވާލާ އިރަށް ގޯތިގެދޮރަށް ބޭނުންވެފައިވާ އެތައް ސަތޭކަ ޒުވާނުންނެއް ފޯމްލަ އެވެ.

"އެހެންނަމަވެސް މިއަދާއި ހަމައަށް އައިރުވެސް ކުޅުދުއްފުށީގެ ޒުވާނުންނަށް އެކަމަށް ހައްލެއް ނުލިބޭ . ކޮންމެ ސަރުކާރަކުންވެސް ދެނީ ހަމަދޯކާ. ހަދާފައިވާ ފުލެޓް ލިބުނު މަދު ބަޔަކަށް އަދިވެސް އެފުލެޓްތަކަށް ވަނީ ވަދެވޭގޮތަ ނުވެފަ. ފުލެޓް ލިބުނު ފަރާތްތައް އަމިއްލައަށް ހަރަދުކޮށްގެން ބައެއްމީހުން ވަނީ ވަދެފަ." ޒުވާނާ ކަންބޮޑުވެ ހުރެ ބުންޏެވެ.

ޒުވާނާ އިތުރަށް ބުނީ ކުޅުދުއްފުށީގެ ޒުވާނުން ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައިކަން ފާހަގަކުރަމުން އެވެރިކަން ނިމުނު ހިސާބުން ކުޅުދުއްފުށީގައި އަޅަންފަށާފައި ހުރި ފުލެޓް ތަކުގެ މަސައްކަތްހުއްޓި މިހާރުވަނީ އިންސާނުން ދިރިއުޅެން ކަމުނުދާވަރަށް އެތަންތަން ހަލާކުވެފައި މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަން ފާހަގަ ކުރައްވަމުން އޭނާ ބުނީ މިސަރުކާރުން ބޯހިޔާވަހިކަމަށް ޒަމާނާ އެއްގޮތަށް ހައްލުތަކެއް ގެނެސް ދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ނިމިދިޔަ އެއްވެސް ސަރުކާރަކުން އެތަންތަނަކާއެއް އަޅައެއްނުލާ. ހާއްސަކޮށް އެންމެބޮޑަށް ހަލާކުވެފައި ހުރީ ހިއްކިބިމުގައި އަޅަންފަށާފައިވާ ފުލެޓްތައް އެވްރެޖްކޮށް ހުރިހާ ފުލެޓްތަކެއްވެސް ހުރީ ހަލާކުވެފައި ބޮޑު މަރާމާތު ކޮށްގެން ނޫނީ އެތަންތަނަށް ނުވަދެވޭނެ. އެއީ އެއްގޮތަކަށްވެސް މީހުންނަށް ދިރިއުޅޭވޭ ގޮތަށް ހެދިފައި ހުރިތަންތަނެއްނޫން." އެޒުވާނާ ބުންޏެވެ.

މިކަމާ ގުޅިގެން ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ބޯހިޔާވަހިކަމަށް ހައްލުގެނެވޭތޯ މިސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި ރޯދައިގެ ކުރިން ކުޅުދުއްފުއްޓަށް ވާނީ ހައުސިން މިނިސްޓްރީގެ ޓީމެއް ގޮސް އެތަންތަން ބަލާފައިވާކަމަށެވެ.

"އަޅުގަނޑުމެންވާނީ ރޯދައިގެ ކުރިން ކުޅުދުއްފުއްޓަށް ގޮސް އެންމެ ފަހުން ފުލެޓްތައް ހަވާލުކުރި އަށާރަ ގޭގެ ވެރިފަރާތުގެ އެގްރީމެންޓް ނިންމާ އެމީހުންނާ ހަވާލުކޮށްފަ.މަރާމާތަށް އެމީހުން އަމިއްލަ ޖީބުން ކުރި ހަރަދުގެ ފައިސާ ވެސް ދީފަ." ޑެޕިއުޓީ މިނިސްޓަރު ޝާމިން ވިދާޅުވި އެވެ.

އިތުރަށް ޑެޕިއުޓީ މިނިސްޓަރު ޝާމިން ވިދާޅުވީ ހަސާނަތު މިސްކިތުގެ އިރުމަތީގައި އިމާރާތްކޮށްފައިވާ ސާޅީސް ހައުސިން ޔުނިޓުގައި ދިމާވީ ނަރުދަމާއާއި ފެނާއި ކަރަންޓްގެ މައްސަލަތައް ކަމަށާއި އެކަން ހައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާނެކަމަށެވެ. އަދި ވަރަށް އަވަހަށް އެފައިސާ ހަމަޖެހިގެން ދާނެކަމަށެވެ.

"މިހާރުވެސް އެސާޅީސް ގޭގެ މަރާމާތަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފަ، ހިއްކި ބިމުގައި އަޅަންފަށާފައި ހުރި ހައުސިން ޔުނިޓްތަކާއި ބެހޭ ގޮތުން މިވަގުތު އަދި އެއްޗެއް ދަންނަވަން ދަތި. ޖެހޭނީ ސާފުކޮށްލަން."ޝާމިން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ ރޯދައިގެ ކުރީން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާމިންއާ އެ މިންސްޓްރީގެ ބޭފުޅުންނާއެކު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އަރިހުގައި މިސާޅީސްގެ ލިބިފައިވާ ފަރާތްތަކުން ވަރަށް ބޮޑަށް ޝަކުވާކުރަމުންދާ ކަމަށާއި މަރާމާތު ކުރެވޭނެ ދުވަހެއް ދެއްނެވުމަށް އެދިފައިވާނެކަމަށެވެ.

މިއީ އަޅުގަނޑުމެން ކުރައްވާކަމަކަށް ނުވާތީ، ވަކި މަރާމާތުކޮށް ރައްޔިތުންނަށް އެތަން ހަވާލުކުރެވޭނެ ދުވަހެއް ބުނަންނޭނގޭ. މިއީ ހައުސިން މިނިސްޓްރީގެ ކަމެއް." ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

އިތުރަށް ރައީސް އަބްދުއްލަތީފް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ބޭފުޅުން މަރާމާތަށް އެތަން ދޫކުރައްވާނެ ގޮތަކާއި މެދު މަޝްވަރާއަށް އެހުމުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ޓީމަށް ލަފާ ދީފައިވާނެކަމަށެވެ.

މިދިޔަ އަހަރު އޯގަސްޓްމަހު 14 ވަނަދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިންދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ބޯހިޔާވަހިކަމަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވަމުން މިސަރުކާރުގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވާ އެންމެހާ ރައްޔިތުންނަށް ލުއީގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355